ލައިފްސްޓައިލް

އޭވިއޭޝަން އޮފިސަރަކަށް ހެދިގެން ހަ މަސް ދުވަހު

އޭވިއޭޝަން އޮފިސަރަކަށް ހެދިގެން ހަ މަސް ދުވަހު އުޅުނު މީހެއް މިދިޔަ ހުކުރު ދުވަހު ޖަރުމަނު ފުލުހުން ވަނީ ބާލިން އިން ހައްޔަރުކޮށްފަ އެވެ. އެމީހާ ވަނީ ރޭޑިއޯއެއް ބޭނުންކޮށްގެން އެއާ ޓްރެފިކް އާ ގުޅައި އެކި ކަހަލަ ދޮގު މައުލޫމާތު ފޯރުކޮށްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން ޕޮލިސް ހެލިކޮޕްޓަރުތަކަށް ވެސް ދޮގު މައުލޫމާތު ދީފައި ވެއެވެ.

ޖަރުމަނުގެ ޕޮލިސީތައް އޮންނަ ގޮތުން މި މީހާގެ ނަން އަދި އާއްމެއް ނުކުރެ އެވެ. ނަމަވެސް އެ ގައުމުގެ ފުލުހުން ބުނެފައިވަނީ މިއީ 32 އަހަރުގެ ޒުވާނެއް ކަމަށެވެ.

އެމީހާ އެހާ ފަސޭހައިން ހޯދުނީ އޭނާ ހޯދަން މަސައްކަތްކުރި ޕޮލިސް ހެލިކޮޕްޓަރަކަށް ސީދާ އެމީހާއަށް އޮޅިގެން ގުޅިގެންނެވެ. އޭރު އެމީހާ ހުރީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގަ އެވެ. ޖަރުމަނު ފުލުހުން ވަގުތުން ރޭޑިއޯ ސިގްނަލުން އޭނާ ހުރި ތަން ހޯދައިގެން ގޮސް އޭނާ ހައްޔަރު ކުރީ އެވެ.

އެމީހާގެ ގެ ހޯދާ ބެލިއިރު ދެ ރޭޑިއޯ އެއް ފެނިފައި ވެއެވެ. މިއީ އެއާކްރާފްޓްތަކާ ގުޅަން އޭނާ ބޭނުންކުރަމުން ދިޔަ ދެ ރޭޑިއޯ އެވެ.

ފާއިތުވީ ހައެއްކަ މަސް ދުވަހުގެ ތެރޭގައި އޭނާ ފަސިންޖަރުންނާއި އެއާކްރާފްޓް ޕައިލެޓުންނާ ވެސް ގުޅާފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން ސްޓޭޓާއި ފެޑެރަލް ހެލިކޮޕްޓަރުތަކާ ކޮންޓެކްޓްކޮށް ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަހަލަ އޯޑަރުތައް ވެސް ދީފައި ވެއެވެ. މިކަމުގައި އެމީހާ ދުވަހެއް ދުވަހަކަށް ކުރިއަރަމުންގޮސް ވަރަށް ޕްރޮފެޝަނަލް ކޮށް އެއާކްރާފްޓްތަކަށް އެކި ކަހަލަ އޯޑަރުތައް ފަހުންފަހުން އައިސް މިމީހާ ދެމުން ދިޔަ އެވެ.

މި މީހާގެ ސަބަބުން އެއްވެސް އެކްސިޑެންޓެއް ނުވަތަ ހާދިސާއެއް މިހާތަނަށް ހިނގާފައިނެތް ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުކަމެއް ކަމަށް ޖަރުމަނު ފުލުހުން ވަނީ ބުނެފަ އެވެ.