ދުނިޔެ

މިއަންމާ އަސްކަރިއްޔާ މަޝްވަރާއަށް ތައްޔާރު

މިއަންމާގައި މިހާރު އޮތް އަސްކަރީ ވެރިކަމުގެ ފަރާތުން ސުލްހައަށް ރުހެން ތައްޔާރު ކަމަށް އަސްކަރީ ލީޑަރު، ޖެނެރަލް މިން އަން ހުލައިން ވިދާޅުވެއްޖެ އެވެ. ސުލްހައަށް އެދި ގައުމުތަކުން މީގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަށް އަސްކަރީ ސަރުކާރުން މާބޮޑު ތަރުހީބެއް ނުދިނެވެ.

މިއަންމާގައި އޮތް މަދަނީ ސަރުކާރު މިދިޔަ އަހަރު ފެބްރުއަރީގައި ވައްޓާލުމަށްފަހު މިހާރު ވެރިކަން ކުރަނީ އަސްކަރީ ކައުންސިލަކުންނެވެ. އެގައުމުގައި ވެރިއެއް ގޮތުގައި އާންމުން ބަލައިގެންފައިވާ އަން ސަންސޫކީ އާއި ސަރުކާރުގެ އިސް ވެރިން މިހާރު ތިއްބެވީ ގޭބަންދުގަ އެވެ.

އަސްކަރީ ސަރުކާރުން ސުލްހަ އަށް އާނބަސް ބުނެފައިވަނީ މިދާކަށް ދުވަހު މިއަންމާއަށް ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެންއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.

ޖެނެރަލް މިން އަން ހުލައިން ވިދާޅުވި ކަމަށް ޚަބަރުތައް ބުނާ ގޮތުގައި އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭސިއަން ނޭޝަންސް (އާސިއާން) ގައުމުތަކުން ހުށަހެޅި ގޮތަށް މަޝްވަރާތަކުގައި އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި މިއަންމާ އަށް ސުލްހަ ގެނެސް ގައުމު ހަމަޖެހުމަށް އޭނާ އެދިވަޑައިގަންނަވަ އެވެ.

އަސްކަރިއްޔާއިން މިއަންމާގެ މަދަނީ ސަރުކާރު ވައްޓާލުމާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގައި 1،447 މީހުން މަރުވެ 8،500 އަށް ވުރެ ގިނަ މީހުން އަސްކަރިއްޔާއިން ހައްޔަރުކޮށް ބޮޑެތި އަނިޔާކޮށްފައިވާ ކަމަށް މިއަންމާގައި ހަރަކާތްތެރިވާ އެސިސްޓޭންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް އިން ބުނެ އެވެ.

އާސިއަން ގައުމުތަކުގެ އެއްބާރުލުމާ އެކު މިއަންމާގައި ސުލްހަ ގާއިމުކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ޖެނެރަލް ވިދާޅުވެފައިވަނީ މަޝްވަރާތަކާ މެދު ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.