ވިޔަފާރި

ބީއެމްއެލްއިން 500 މިލިއަން ރުފިޔާގެ ގްރީން ފަންޑެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން "ގްރީން ފަންޑް"ގެ ނަމުގެ ފަންޑެއް ތައާރަފްކޮށްފި އެވެ.

މިއަދު މި ފަންޑް ތައާރަފްކޮށްފައިވީ ނަމަވެސް ފަންޑާ ބެހޭ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ، ފަންޑް ތައާރަފްކޮށްދެއްވަމުން ވިދާޅުވީ ފަންޑާ ބެހޭ ފުރިހަމަ ތަފްސީލު އަންނަ އަހަރު ފެށުމާއެކު ހިއްސާކުރައްވާނެ ކަމަށެވެ.

ހީލީ ވިދާޅުވީ މި ފަންޑަކީ 500 މިލިއަން ރުފިޔާގެ ފަންޑެއް ކަމަށާއި ފަންޑުގެ މަގުސަދަކީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.

ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީތަކާއި އިޔާދަކުރުވަނި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ސާމާނު އޮފީސްތަކާއި ގެތަކުގައި ބެހުއްޓުމަށް މި ފަންޑުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ހީލީ ވިދާޅުވިއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ތައާރަފްކޮށްފައިވާ މި ފަންޑާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ މިސްރާބު ޖަހާފައިވަނީ ކާބަން މަދު އިގްތިސާދެއް ގާއިމުކުރުމަށް ކަމަށާއި ދުވާލު ބޭނުންކުރާ ހަކަތައިގެ 30 އިންސައްތަ އިޔާދަކުރުވަނި ހަކަތައިން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"މި ސްކީމަކީ އާންމު ރައްޔިތުންގެ ގެދޮރުތަކުގައި ބޭނުންކުރުމަށާއި ވިޔަފާރިތަކަށް ހުޅުވާލެވިގެންދިޔަ ސްކީމެއް، މި ސްކީމްގެ ދަށުން، ސާފު ހަކަތަ އުފެއްދުމަށް ވަރަށް ބޮޑު ފިޔަވަޅުތަކެއް އެޅިގެންދާނެ،" ތޯރިގު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކޮޕް 21 ގައި ނިންމި ނިންމުން ތަންފީޒުކުރުމަށް މި ސްކީމަކީ އެޅިގެން ދިޔަ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. ތޯރިގު ވިދާޅުވީ އާންމު ރައްޔިތުން ވެސް ވީހާވެސް ގިނައިން އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަކީ އެދޭ ކަމެއް ކަމަށެވެ.