ޓާޓާ ފްލެޓް މައްސަލަ

ނާދީ އާއި އޯޑިއޯން ބިން ޓާޓާއަށް ދޭން ނިންމައިފި

Jan 9, 2022
5

ކުރިން އޯޑިއޯން ސިނަމާ އާއި ސަރުކާރު މުވައްޒަފުންގެ ނާދީ ހިންގި ބިން އަލުން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ އަށް މި ބިންތައް ދީފައިވަނީ ރައީސް މުހައްމަދު ނަޝީދުވެ ވެރިކަމުގަ އެވެ.

އެ ކުންފުންޏަށް ބިންތައް ދީފައިވަނީ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން ޝަރުތުކޮށްފަ އެވެ. އަދި މި އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ފްލެޓުތައް އަޅާފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ޓާޓާ ކުންފުންޏަށް ނާދީ ހުރި ބިމާއި އޯޑިއޯން ސިނަމާ ހުރި ބިމުގައި ލަގްޒަރީ ފްލެޓުތަކެއް އަޅަން ހަވާލުކޮށްފައިވެ އެވެ. މީގެ އިތުރުން ޅ. ޅޮއްސަލަ ފުށީގައި ރިސޯޓެއް އަޅަން ވެސް ހަވާލުކުރި އެވެ. ނަމަވެސް، ނާދީ އާއި އޯޑިއޯން ބިމުގައި މަސައްކަތް ފަށަން ދިން މުއްދަތުގައި މަސައްކަތް ނުފެށި ކަމަށް ބުނެ 2017 ވަނަ އަހަރު އޭޕްރީލް މަހު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ޓާޓާ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

ނަމަވެސް އެނގިފައިވާ ޓާޓާ ކުންފުންޏަށް މި ބިންތަކުގެ އިތުރުން ޅ. ޅޮއްސަލަ ފުށި އަލުން ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އަދި މި އެއްބަސްވުމުގައި މި މަހުގެ 11 ވަނަ ދުވަހު ސަރުކާރާއި ޓާޓާ އިން ސޮއިކުރާނެ އެވެ. މި އެއްބަސްވުމުގެ ދަށުން އޯޑިއޯން އަދި ނާދީ ހުރި ބިމުގައި މަތީ ފަންތީގެ ޖުމްލަ 120 ފްލެޓު ޓާޓާ އިން އަޅަން ނިންމާފައިވެ އެވެ.

ޓާޓާ ކުންފުންޏަށް ބިންތައް ދޭން ސަރުކާރުން ނިންމިއިރު މި ބިންތައް އަތުލި މައްސަލާގައި 2018 ވަނަ އަހަރު އެ ކުންފުނިން އިންޑިއާގެ އާބިޓްރޭޝަނަށް ބަދަލު ހޯދަން 200 މިލިއަން ޑޮލަރު -- ތިން ބިލިއަން ރުފިޔާ ހޯދަން ހުށަހެޅި އެވެ. އާބިޓްރޭޝަންގައި މައްސަލަ އޮތީ ހުއްޓިފަ އެވެ.