ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

(3 ޖެނުއަރީ 2021އާ ގުޅޭ)

"މަންމަ އެ ގުޅަނީ.." ސަހުލާ ހާސްވެފައި ހުރެ ބަލައިލީ ރިޝްފާއަށެވެ. ރިޝްފާ ލޮލުގެ އިޝާރާތުން އެދުނީ ފޯނަށް ޖަވާބު ދިނުމަށެވެ. ޖެހިލުންވެ ހުރެ ސަހުލާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

"ދަރިފުޅާ!" ހަފްސާގެ އަޑުގައި އެއްވެސް ތަފާތު ކަމެއް ނެތެވެ. ވާހަކަދެއްކީ ހީނލަމުންނެވެ.

"މަ..މަންމާ.." ސަހުލާގެ ހިތް އޭރުވެސް ދިޔައީ ބާރަށް ތެޅެމުންނެވެ.

"ދަރިފުޅާ! މި ދޮންބެ ކިޔައިގެން އުޅޭ މަޖާ އެއްޗަކުން.. މަންމަ ބުނިން ޖައިޝް ނުފެންނާނޭ.. އެކަމު ރިވާ ގެސްޓު ހައުސްއިން ދުށީމޯ.." ހަފްސާ ފެށި ވާހަކައިން ސަހުލާގެ ދެލޯ ބޮޑުވިއެވެ. ހިތުގެ ހިނގުން އިތުރަށް ބާރުވިއެވެ. ބުނަން ވީ އެއްޗެއް ނޭނގި ސަހުލާގެ ދުލުގައި ގޮށެއް ޖެހުނެވެ. ރިޝްފާ މަޑުމަޑުން ސަހުލާއާ ގާތްވެލަމުން، ފޯނު ކައިރީގައި ކަންފަތް ޖަހައިލީ އެކޮޅުން ދައްކާ ވާހަކަ އަޑު އެހުމަށެވެ.

"އާނ! މަންމާ.." ސަހުލާގެ ދޫ ހަރަކާތްކޮށްލީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ.

"އޭނ؟ ތިބުނީ؟" ހަފްސާ ހައިރާން ވިއެވެ.

"އާނ މަންމާ.. ވަރަށް ފަހުން ޖަައިޝް އެތަނަށް ވަނީ.. ވަޒީފާއަށް.. އެތަނުގަ ޖައިޝް އުޅެނީ.." ސަހުލާ ވާހަކަދެއްކީ އަޅައަޅައިގަނެގެންނެވެ.

"ދަރިފުޅު އެކަމު އިއްޔަ ވެސް މަންމަ ގާތުގަ ބުނީ.." ހަފްސާ ހުއްޓުނެވެ. ސަހުލާ ހެދީ ދޮގުކަން ހަފްސާއަށް އެނގުމުންނެވެ.

"މަންމާ.. ޖައިޝް އެދުނީ ސިއްރު ކުރަން. އޭނާ އެތަނަށް ވަޒީފާއަށް ދާކަށް.. ސޮރީ.." ގޮތެއް ނެތުމުން އެންމެ ފަހުން ސަހުލާ ބުނީ އެހެންނެވެ. ހަފްސާ "އެހެންތަ؟"އޭ ބުނެ ކޯލް ކުރުކޮށްލިއެވެ.

"މަންމަ ހުންނާނީ ހިތްހަމަ ނުޖެހިފަ މިހާރު.." ސަހުލާ އެހެން ބުނެ ފުން ނޭވައެއް ލިއެވެ. އަދި ކުރިއަށް ހިނގައިގަތީ ޑިއުޓީއަށް ދިޔުމަށެވެ. ރިޝްފާ އެއްވެސް އެއްޗެއް އެކަމާ ގުޅޭ ގޮތުން އިތުރަށް ނުބުނެއެވެ.

***

"އައްސަލާމް އަލައިކުމް.." ގޭގެ ބޭރުން ސަލާމް ގޮވައިލި އަޑަށް ގާދިރު ގޮސް ދޮރު ހުޅުވައިލިއެވެ. އެވަގުތު ސިޓިންގރޫމްގައި ހަފްސާ އިނީ ޓީވީ ބަލާށެވެ.

"ވާލައިކުމް ސަލާމް. އަސްތާ! ރިޔާޒް.. އަވަހަށް ވަދޭ! ކޮބާ ހިޝާމް.." ދޮރު ބޮޑަށް ހުޅުވައިލަމުން ގާދިރު އުފަލުން އަހައިލިއެވެ. ރިޔާޒަކީ އުމުރުން ދެބައި އުމުރުގެ މީހެކެވެ. ބަލާބެލުމަށް ޖަހަނީ އާދައިގެ މީހެއް ވައްތަރެވެ. ލައިގެން ހުރީ އަތް ކުރު ގަމީހަކާއި ކަޅު ފަޓުލޫނުކެވެ. އެއީ ހަމުގެ ކުލަ އަލި، އަދި އެ އުމުރުގެ މީހަކާ ބަލާފައި އެއީ ބަލައިލަން ހުތުރު މީހެކޭ އެއްވެސް މީހެއް ނުބުނާނެއެވެ. ތުނބުޅި އާއި ބޮލުގެ ގިނަ އިސްތަށިތައް ވަނީ ނުރަވެފައެވެ. ތުނބުޅި ދިގުކޮށްފައި، ބޮލުގެ އިސްތަށިގަނޑު ވަނީ ވަރަށް ރީތިކޮށް ތުނިކޮށް ކޮށައިލާފައެވެ. ރިޔާޒަކީ ކައިވެނީގެ ހަފުލާގައި ރިޝްފާ އާއި ސަހުލާ އެމީހެއްގެ ވާހަކަދެއްކި މީހާއެވެ.

"ހިޝާމް ވަދެއްޖެ ކައިރި ފިހާރައަކަށް.. މި އަންނަނީ އޭ ބުނީ.." ވަރަށް މަޑުމަޑުން ރިޔާޒް ހިނގާފައި އައިސް އިށީންނީ ސޯފާގައެވެ.

"ކޮން އިރަކުން މާލެ ދަނީ؟" ހަފްސާ ބަލައިލީ ރިޔާޒަށެވެ.

"ދެން ދާންވީ.. ގެސްޓު ހައުސް ވެސް އެބަ ހިނގާ ވަރަށް ރަނގަޅަށް.. މިއަދު އަދި މި އެނގުނީ ތި މީހުންގެ ދަރިއެއްގެ ފިރިކަން އެ ގެސްޓު ހައުސްގެ ރިސެޕްޝަންގަ އިންނަނީ.." ރިޔާޒް އެހެން ބުނެލި ވަގުތަކީ ކޮޓަރިން ލުލުއަތު ނުކުތް ގަޑިއެވެ. މޫނު ބުރުގާ އަޅައިގެން ހުރި ލުލުއަތަށް ރިޔާޒް ފެނުމާއެކު ފުރަތަމަ ވެސް ހުއްޓުން އެރީއެވެ. އަދި ވެސް ލުލުއަތުގެ ހިތުގައި އޮތް ބިރަށް އެއްވެސް ބަދަލެއް ނެތެވެ. ނަމަވެސް ލުލުއަތަކީ ބިރަށް ފަސް ޖެހޭ މީހެއް ނޫން ކަން އޭނާ ދަނީ އޭނާގެ ހަރަކާތުން ސާބިތު ކޮށްދެމުންނެވެ. އޭގެ އެއް ހެއްކަކީ ހިޝާމާ ކުރެވުނު ކައިވެންޏެވެ.

"ދަރިފުޅާ! ދޭބަލަ ބައްޕައާ ރިޔާޒަށް ކޮފީ ތަށްޓެއް ހިފައިގެން އަންނަން.." ހަފްސާ އެހެން ބުނުމާ އެކު "އާނ"އެކޭ ބުނެ ލުލުއަތު ވަނީ ބަދިގެ އަށެވެ.

"އަހަރެން ހޯދަން ދެ އިރު ދެ ދަޅައަށް އަޔަސް، ކަލެއަށް އަހަރެން ނުހޯދޭނެ.. ކަލޭގެ މަގުސަދަކީ ގެސްޓު ހައުސްއެއް ނޫން. އަހަރެން.. އެކަމު، އަހަރެން ދިރި ހުރިހާ ހިނދަކު، ކަލެއަށް ކަލޭ ބޭނުންވާ ކަމެއް ނުވާނެ. ވިޔަކަ ނުވެސް ދޭނަން. އަހަރެން މިއަދު މިހުރީ ހިމާޔަތް ހޯދައިގެން. އެވެސް ކަލޭގެ ގާތް އެކުވެރިޔާގެ އަރިހުން.. ހެހެ.." ކޮފީ ހަދަމުން ލުލުއަތު ވާހަކަދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ނަފުސާއެވެ.

ކޮފީ ތަށިތައް އެމީހުންގެ ގާތުގައި އިން މޭޒުމަތީގައި ބަހައްޓާފައި، ލުލުއަތު އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް ލުލުއަތު ހުއްޓުވީ ރިޔާޒެވެ.

"މަޑުކޮށްބަލަ! ލުލުއަތާ ދައްކަން ޖެހޭ ވާހަކަ ވެސް އެބަ ހުއްޓޭ.." ރިޔާޒުގެ އެދުމަށް ލުލުއަތު އައިސް އިށީންނީ ހަފްސާއާ ޖެހިގެންނެވެ. ލުލުއަތުގެ ފެންނަން ހުރީ ހަމަ އެކަނި ދެލޮލެވެ. އެވެސް ވަރަށް ފުސްކޮށެވެ. ލޯމަތި ވެސް ލުލުއަތު ހުންނަނީ އެތެރެ ފެންނަ ފޮތިކޮޅަކުން ނިވައު ކޮށްފައެވެ.

"ލުލުއަތު ވިސްނަ ދީބަލަ ހިޝާމްއަށް.. ގެސްޓު ހައުސްއާ ހަވާލުވާން. ކޮންމެ ފަހަރަކުވެސް ނޫނެކޭ ބުނަނީ.. ލުލުއަތަށް ހިޝާމްގެ ނިންމުން ބަދަލު ކުރެވޭނެ. އެކަން ކޮށްދީ ބަލަ!" ރިޔާޒްގެ ވާހަކައަށް ލުލުއަތު ޖަހައިލީ ބޮލެވެ. އާނއެކޭ ބުނާ ބީދައިންނެވެ.

"ބޯ ޖެހިޔަސް ނުވާނޭ.. މިކަމާ އުޅެބަލަ! ހެހެ" ރިޔާޒް ހީނލިއެވެ.

"އާނ.. ޓްރައި ކުރާނަމޭ" ލުލުއަތު ބުނެލިއެވެ. އެތައް އިރަކު އެމީހުން ވާހަކަދައްކަން ތިއްބާ ގެއަށް އައިސް ހިޝާމް ވަނެވެ. އެންމެ ފުރަތަމަ ވެސް ހިޝާމް ލަސްވެގެން ރިޔާޒް ކޮށްލީ ޝަކުވާއެކެވެ. މެހެމާނުން ގެއަށް ގެނެސްފަ ހިޝާމް ފިލަނީ ކަމަށް ބުނެ ރިޔާޒް ދިމާކޮށްލީ ހިޝާމަށެވެ.

ރޭގަނޑު 12 ޖަހައި ބޮޑު ވެއްޖެއެވެ. ސަހުލާގެ ލޮލަށް ނިދީގެ އެއްވެސް އަސަރެއް ނުކުރެއެވެ. ސަހުލާގެ ހިތުގައި ކުރެހެމުން ދިޔައީ ޖައިޝްގެ ތަސްވީރެވެ. ޖައިޝްގެ ހަނދާންތަކުން ސަހުލާގެ ލޮލުން ނިދި ވަނީ މުޅީން ފިލައިފައެވެ. ޖައިޝްއާ އެކުގައި މާ ލޯބި ދިރިއުޅުމެއް ނުލިބުނަސް، ޖައިޝްއާ އެކުގައި ސަހުލާއަށް ވަނީ އުފާވެރި ވަގުތު ތަކެއް ހޭދަކުރެވިފައެވެ. ސުކޫލު ދައުރުން ފެށިގެން އުފެދިގެން ދިޔަ ސަހުލާގެ އަލަތު ލޯބީގައި ސަހުލާ ޖެހުނީ އޭނާއަށް ވެސް ނޭނގި ހުއްޓައެވެ. އިޚްތިޔާރެއް ނެތި ޖައިޝް ދެކެ ސަހުލާއަށް ވެވުނީ ހައްދެއް ނެތް ލޯތްބެކެވެ.

ޖައިޝްގެ ޙާލަކީ ވެސް ހަމަ މިއީއެވެ. ލޯ މެރޭ އިރަށް ފެންނަނީ ސަހުލާއެވެ. ކަންފަތުގައި ހަރުލާފައި ވަނީ ސަހުލާ "ޖައިޝް"އޭ ކިޔާ ލޯބިން ގޮވާލާ އަޑެވެ. ޖައިޝްއަށް ހީވަނީ ހަމަ ދެންމެ ދެންމެ ސަހުލާ އައިސް ޖައިޝްގެ ގައިގައި ވަރަށް މަސްތާ އެކުގައި ބައްދާލާފާނެހެންނެވެ. އެ ބީހުން ތަކުގެ އަރާމާ، އުފާ ލިބިގަންނަން ޖައިޝް ވަނީ ކެތްމަދު ވެފައެވެ. ޖައިޝްގެ ގޯސް ކަމާއި "ކަޑަ" ކަން ހިތަށް އަރާފައި ޖައިޝް އެތައް ރޭ ނިދި ނަގާލައެވެ. ދެން ދުވަހަކު ވެސް އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް އެފަދަ ކޮންމެ ވަގުތެއްގައި ޖައިޝް އޭނާގެ އަމިއްލަ ނަފުސަށް ވަޢުދުވެއެވެ.

***

ދުވަސްތައް ވޭތު ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަސް މިނެއްގައެވެ. ސަހުލާގެ ބަނޑަށް 3 މަސް ވެއްޖެއެވެ. ސަހުލާއަށް ކޮންމެ ދުވަހަކު އެއް ފަހަރު ޖައިޝްގެ ކޯލެއް ލިބެއެވެ. ސަހުލާގެ ޙާލު ބަލައިލުމަށެވެ. އެ ކޯލަކީ މިހާރަކަށް އައިސް ސަހުލާއަށް ވެސް އިންތިޒާރު ކުރެވޭ ކޯލަކަށް ވަނީ ވެފައެވެ. ޖައިޝްގެ އަޑު އަހާ ނުލާ ސަހުލާއަށް ދުވަސް ފުރިހަމަ ވާކަމަކަށް ނުވެއެވެ.

"ހާދަ ހީނލައިގެން.." ސަހުލާ އޭނާގެ ހުރިހާ ދަތްތަކެއް "ދިއްލައިގެން" ސޯފާގައި އިންތަން ފެނިގެން ރިޝްފާ އެހެން އަހައިލީ ސަމާސާގެ ރާގެއްގައެވެ.

"ހޫމް.. ހޫމް.. ޖައިޝް ދޯ؟ އަނެއްކާ ކިހިނެއްވީ؟" ރިޝްފާ އައިސް އިށީންނީ ސަހުލާއާ ޖެހިގެންނެވެ.

"ޖައިޝް މުޅިން ޗޭންޖް ވެއްޖެ ދޯ؟ ކުރިން ދުވަހު ފެނުނު މިސްކިތުން ނުކުތް ތަން ވެސް.. އަހަރެން ހީވެސް ނުކުރަން ޖައިޝް ބަދަލު ވެދާނޭ.." ރިޝްފާ އެހެން ބުނެލީ ސަހުލާއަށް ބަލައިލަމުންނެވެ.

"ދެން ބުނެބަލަ! ކީއްވެތަ މާ އުފާވެފަ؟ ދަތްތައް ނީލަން ކީއްތަ؟ ހެހެ،" ރިޝްފާ ހިފައިލީ ސަހުލާގެ އަތުގައެވެ.

"ޖައިޝް އިންނަން އަހައިފި.." ސަހުލާ އިސްދަށަށް ޖަހައިލީ ލުއި ހިނިތުންވުމަކާ އެކުގައެވެ. (ނުނިމޭ)