ދުނިޔެ

އެމެރިކާ ރައްޔިތަކަށް ހަމަލާދީފި ނަމަ އީރާނަށް ވޭންދެނިވި ރައްދެއް ދޭނަށް: އެމެރިކާ

ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް އީރާނުން ބުނާ އެމެރިކާގެ 52 މީހަކަށް، އަސްކަރީ އޮފިޝަލުން ވެސް ހިމެނޭ ގޮތުން، ދަތިކުރާނެ ކަމަށް އީރާނުން އޮތީ ބުނެފަ އެވެ. އަދި އެމީހުން ފިލައިގެން އެމެރިކާގއި އުޅުނު ނަމަވެސް އީރާންގެ އަތްފޯރާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އީރާނަށް ރައްދު ދިނުމަށް ވައިޓް ހައުސްއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބަދަލުހިފުމުގެ ގޮތުން އެމެރިކާ މީހަކަށް އިހާނެތިކޮށް ހިތައި ހަމަލާދީފި ނަމަ ވޭންދެނިވި ރައްދެއް އީރާނަށް ދޭނެ އެވެ.

ވައިޓް ހައުސްއިން ބުނީ އިރާނުން އެބުނާ 52 މީހެއްގެ އިތުރުން އާންމު ފަރުދަކަށް އަނިޔާވާ ޒާތުގެ އަމަލެއް އިރާނުން ހިންގައިފި ނަމަ ރައްދު، ދިލަގަދަ ރައްދަކަށް ވެގެންދާނެ ކަމަށެވެ.

އެމެރިިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު، ޖޭކް ސުލިވަން ވިދާޅުވި ގޮތުގައި އެމެރިކާގެ 52 މީހަކަށް އީރާނުން ދަތިކުރާނީ މެދުވެރިން ލައްވަ އެވެ. އޭނާ ވިދާޅުވީ އެއީ އެއަމަލުތައް ހިންގީ އީރާނުން ނޫން ކަމަށް ބުނަމަށެވެ.

ސުލިވަން ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ މީހުން ހަމަލާ ދިނުމަށް އީރާނުން މިހާރު ވެސް ދަންތުރަ ޖަހަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާންގެ ވިސްނުން ހުރީ އެމެރިކާ ތެރޭގައި ޓެރަރިސްޓް ހަމަލާތައް ހިންގާ ގޮތަށެވެ. އެއީ އެމީހުންނަށް ކޮން ދުވަހަކުން ކާމިޔާބު ކުރެވޭނެ ކަމެއްކަން ނޭނގުނު ނަމަވެސް އެއީ ކުޑަކަމެއް ކަމަށް ދެކިވަޑައި ނުގަންނަވާނެ ކަމަށް މުޝީރު ވިދާޅުވި އެވެ.

މުޝީރު ވިދާޅުވީ އެމެރިކާއަށް ބައިއަޅާ ގައުމުތަކާ އެކު އީރާނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާއަށް ބިރުދައްކަން އީރާނުން ރާވާ ރޭވުންތަކަށް ވެސް ރައްދު ދޭނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުންނަށާއި އަސްކަރިއްޔާގެ ވެރިންނަށް ދަތިކުރާނެ ކަމަށް ބުނެ އީރާނުން ލިސްޓް ނެރުނުއިރު 52 މީހެއްގެ ނަން އޮތީ ފަވާފަ އެވެ.

ވައިޓް ހައުސްއިން ބުނީ ޕްރޮކްސީ ބޭނުންކޮށްގެން އީރާނުން ހަމަލާއެއް ދިން ނަމަވެސް އެކަމެއްގައި ވައިޓް ހައުސް ޝާމިލްވާނެ ކަމަށެވެ.

އެމެރިކާއިން ޑްރޯން ހަމަމާއެއްގައި ގާސިމް ސުލައިމާނީ އަވާރަަކޮށްލީ ޖެނުއަރީ 3، 2020 ގައި ބަޣްދާދު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ ޓްރަމްޕްގެ އަމުރަށް ހިންގި ޖަރީމާއެއް ކަމަށް އީރާނުން ބުނެ އެވެ.