މުޒާހަރާތައް ކުރިއަށް ގެންދާނަމަ އެކަން ކުރަން ވާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އެޗްއާރްސީއެމުން އިލްތިމާސް ކޮށްފި އެވެ.
އެ ކޮމިޝަނުން މިފަދަ އިލްތިމާސެއް ކޮށްފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒަހަރާތަކުގައި ކޮންމެ ދުވަހަކު ވެސް ބަޔަކު ހައްޔަރުކުރަމުން ދަނިކޮށެވެ. އިދިކޮޅު މުޒާހަރާއިން މީހުން ހައްޔަރުކުރުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ވެސް ދީފައިވެ އެވެ. އަދި ފުލުހުންގެ ފަރާތުން އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންދިޔަ ބައެއްގެ ކައިރިއަށް ދިޔަ ބަޔަކާއި ފުލުހުންނާ ދެމެދު އައިޖީއެމްއެޗްގެ ތެރޭގައި ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެ އެވެ
އެޗްއާރްސީއެމުން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި އެކަމަކު އާންމު ސިއްހަތުގެ ނާޒުކް ހާލަތެއްގައި ހޮސްޕިޓަލްތަކާއި އެ ނޫންވެސް އާންމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި އެއްވެ އުޅުމުގެ ހައްގު ބޭނުންކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކަމަށްވެސް އެޗްޕީއޭ އިން ހަނދާންކޮށްދީފައިވެ އެވެ.
"... މީގެއިތުރުން ހައްގުތައް ބޭނުން ކުރުމުގައި އަނެކާގެ ހައްގަށް އިހްތިރާމުކޮށް، ކޮވިޑް ފެތުރެމުންދާ މި ނާޒުކު ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެންމެހާ ފަރާތްތަކުން އަމަލު ކުރުމަށް ވެސް ގޮވާލަމެވެ،" އެޗްޕީއޭ ބުނެފައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ގާނޫނާ ހިލާފަށް ފުލުހުން ބާރުގެ ބޭނުންކުރާ މައްސަލައާއި އަނިޔާ ލިބޭ މީހުންގެ ހައްގުތަކާ ގުޅޭ މައްސަލަތައް އެޗްއާރްސީއެމް އިން ނުބަލާ ކަމަށް ބުނެ ކޮމިޝަނަށް އަމާޒުވާ ފާޑު ކިޔުންތަކަށް ވެސް އެޗްއާރްސީއެމް އިން ވަނީ ރައްދު ދީފަ އެވެ.
އެޗްއާރްސީއެމް އިން ބުނީ އާންމުކޮށް ކުރިއަށް ގެންދާ އެއްވުންތައް އެ ކޮމިޝަނުން މޮނިޓަކުރާ އުސޫލުން މިދުވަސްކޮޅު ކުރިއަށްދާ މުޒާހަރާތައް ވެސް މޮނިޓަކުރާ ކަމަށެވެ. އިދިކޮޅު މުޒާހަރާތަކުގައި އަނިޔާވާ މީހުންނާ ގުޅޭ މައްސަލަތަކާއި ފުލުހުން ގާނޫނާ ހިލާފަށް ބާރުގެ ބޭނުންކުރާ މައްސަލަތައް ބަލާ ކަމަށްވެސް ބުންޏެވެ.