ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ މައި ޖަލު، މާފުށީ ޖަލަށް މިއަދު ބަދަލު ކުރަން ނިންމައި ޖަލަށް ބަދަލުކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓްވީޓެއް ކުރައްވާ ވިދާޅުވެފައި ވަނީ ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް އާއި ބައްދަލު ކުރަން އެޗްއާރްސީއެމްގެ ތިން ބޭފުޅަކަށް މާލެ ޖަލަށް ދާން ހުއްދަ ދީފައިވާ ކަމަށެވެ.
އަދި މުނާޒް ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ސިއްހީ އެސެސްމެންޓާއި އަދި އެހެނިހެން އިޖްރާއަތްތައް ފުރިހަމަކޮށް ނިމިފައިވާތީ ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލު ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
އެޗްއާރްސީއެމްގެ އެ ޓީމް ރައީސް ޔާމީނާއި ބައްދަލު ކުރަން ހުއްދަ ދީފައިވާއިރު އެމަނިކުފާނަށް ޖަލުގައި އަނިޔާ ލިބެމުންދާ ކަމަށާއި އަދި އެ މަނިކުފާނު އޮންނެވީ ރައީސްއަކު ބަހައްޓަން އެކަށީގެންވާ ޖަަލެއްގައި ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ރޭ އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު ވަނީ މާލެ ޖަލު ކައިރިޔަށް އެއްވެ މުޒާހަރާ ވެސް ކޮށްފައެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައޫސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ. އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ފެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައި ވެއެވެ.