އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މެންބަރުން އިދިކޮޅު ލީޑަޝިޕާ ބައްދަލުކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރުން އިދިކޮޅު ބޭފުޅުންނާ ބައްދަލުކުރައްވާފައި މިވަނީ ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުން އިއްޔެ އެޗްއާރްސީއެމަށް ވަޑައިގެންނެވުމުން އެޗްއާރްސީއެމްގެ މެންބަރުން އެ ބޭފުޅުންނާ ބައްދަލުނުކުރެއްވި ކަމަށް އިދިކޮޅު މަޖިލިސް މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ.

އިދިކޮޅު މަޖިލިސް މެންބަރުން އިއްޔެ އެޗްއާރްސީއެމްއަށް ވަޑައިގެންނެވި ގޮތަށް އެތަނުގައި ފަސް ގަޑިއިރު މަޑުކުރެއްވި އެވެ. އެކަމަކު އެޗްއާރްސީއެމްގެ މެންބަރުން ބައްދަލުނުކުރެއްވުމުން އެ މެންބަރުންގެ އިސްތިއުފާއަށް ވެސް އިދިކޮޅު ކޯލިޝަނުން ގޮވާލި އެވެ.

އެޗްއާރްސީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުންނާ އިއްޔެ ބައްދަލުނުވީ އެބޭފުޅުންނާ ބައްދަލުކުރަން ހަމަޖައްސައިދިން އެޕޮއިންޓްމަންޓްގައިވާ ގަޑިއަށް ވަޑައިނުގަތުމުން ކަމަށެވެ.

އެޗްއާރްސީއެމްއާއި ޕީޕީއެމްއާ ދެމެދު ކޯޅުމެއް ހިނގާފައި ވަނިކޮށް އެޗްއާރްސީއެމްގެ މެންބަރުން މިއަދު ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ވެރިންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ.

މިބައްދަލުވުމުގައި އެޗްއާރްސީއެމްގެ ނައިބް ރައީސް ޑރ. އަހްމަދު އަދުހަމް އަބްދުﷲ ފިޔަވާ އެހެން މެންބަރުން ތިއްބެވި އެވެ. އިދިކޮޅުން ބައިވެރިވީ ޕީއެންސީގެ ދެ ނައިބް ރައީސުން ކަމަށްވާ އިބްރާހީމް ޝުޖާއު އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު އެވެ.

ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާ މެދު މިސަރުކާރުން ބޭއިންސާފުން އަމަލުކުރަމުންދާ ކަމަށް ބުނެ މީގެކުރިންވެސް އިދިކޮޅުގެ އިސް ބޭފުޅުން އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވެ އެވެ.