ޖަމިއްޔަތުއްސަލަފާމެދު ދޮގު މައުލޫމާތު ނުފެތުރުމަށް އެ ޖަމިއްޔާއިން ގޮވާލައިފި އެވެ.
ސަލަފުން އެކަމަށް ގޮވާލީ މެއި ހައެއް ގެ ހަމަލާގެ ތުހުމަތުގައިދައުވާ އުފުލާފައިވާ ހއ. ހޯރަފުށި، އަލަނާސިގޭ މުހައްމަދު ތަސްލީމަކީ ސަލަފުގައި ކުރީން ހަރަކާތްތެރި މެންބަރެއް ކަމަށް އޭނާގެ ގާނޫނީ ވަކީލް ވިދާޅުވި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކުރުމުންނެވެ.
ސަލަފުން މިއަދު ބުނީ ތަސްލީމަކީ އެ ޖަމާއަތުގެ ހަރަކާތްތަކެއްގައިވެސް އަދި ސަލަފުގެ
އިލްމުވެރީންނާއެކުވެސް ދީނީ މަސައްކަތެއް ކޮށްފައިވާ މީހެއް ނޫން ކަމަަށެވެ. އަދި އެ ޖަމިއްޔާގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިވާ މީހެއްކަންވެސް ފެންނާން އޮތް މީހެއް ނޫން ކަމަށެވެ.
ތަސްލީމްގެ މައްސަލައިގައި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ އަޑުއެހުމުގައި ދައުވާއާ ގުޅޭގޮތުން ދައުވާއަށް އިންކާރު ކޮށް ދައުވާއިން ބަރީއަވުމުވެ ގޮތުން އޭނާއަކީ ދީނީ ޝިޢާރު ކުރިއެރުވުމަށް 2012 ވަނަ އަހަރުން ފެށިގެން ފުންނާބުއުސް ޝޭޚުންނާއެކު މަސައްކަތް ކުރަމުންދާ މީހެއްކަމަށާ އަދި ޖަމިއްޔަތުއް ސަލަފުގެ އޮފީހުގައި އެފަދަ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މީހެއް ކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފައެވެ. ސަލަފުގެ ބަޔާނުގައި ބުނީ އެއީ އެެއްވެސް އަސްލެއްނެތް ދޮގު ވާހަކައެއް ކަމަށެވެ.
އަދި ދީނީހޭލުންތެރިކަން ފެތުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންގެ އަގުވައްޓާލައި ތާރީހު ކިލަނބުކޮށް އެފަރާތްތަކާމެދު ނަފުރަތު އުފެއްދުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށްވެސް ސަލަފުން ވަނީ ގޮވާލާފައެވެ.