ރާއްޖެ ކުޅިވަރު

ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމަށް ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ގެނެސްފި

ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ބްރެޒިލްގެ ބީޗް ވޮލީ ޓީމުގެ ކުރީގެ ހެޑް ކޯޗް ހަމަޖައްސައިފި އެވެ.

ބީޗް ވޮލީބޯޅަ ޓީމަށް އަލަށް ގެނައި ބިދޭސ ކޯޗަކީ ބްރެޒިލްގެ އުމުރުން 37 އަހަރުގެ ވިނީޝިއުސް މާޓިން ޖިއޯނީ އެވެ. މީގެ ކުރިން ބީޗް ވޮލީ ޓީމަށް މުޅިން ވެސް އިރުޝާދު ދީފައިވަނީ ދިވެހި ކޯޗުންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް އަވަސް އަށް ވިދާޅުވީ ރާއްޖޭގެ ސީނިއާ އަދި ޖޫނިއާގެ އަންހެން އަދި ފިރިހެން ވޮލީބޯލް ޓީމަށް ވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހު ތަމްރީނު ދޭނީ ބްރެޒިލްގެ ކޯޗު ކަމަށެވެ.

ބީޗް ވޮލީ ޓީމުތަކަށް އިރުޝާދު ދިނުމަށްޓަކައި ޕްރޮފެޝަނަލް ކޯޗެއް ގެނެސްފައި މިވަނީ ސެންޓްރަލް ޒޯނު ވޮލީ މުބާރާތާއި ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ހޯދުމަށްޓަކައި ކުޅޭ ކޮލިފައިން މެޗުތަކަށް ދިވެހި ޓީމު ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ރަނޭޝް ވިދާޅުވީ މުހިއްމު ވަގުތެއްގައި މޮޅު ކޯޗެއް ލިބިފައިވާތީ އެކަމުގެ ފައިދާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސެންޓަރަލް ޒޯނު ވޮލީ މުބާރާތް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ ބޮޑުވުމުން އެ މުބާރާތް ވަނީ އަންނަ ފެބުރުއަރީ މަހަށް ފަސްކޮށްފަ އެވެ.

އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ލިބޭ ޓީމުތައް ކަނޑައެޅުމަށްޓަކައި ބާއްވާ ކޮލިފައިން މެޗުތައް ފަށާނީ މިއަހަރުގެ މާޗް މަހު އެެވެ.

ރަނޭޝް ވިދާޅުވީ ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ހޯދުމަށްޓަކައި ކުރިއަށް ގެންދަންޖެހޭ ކޮލިފިކޭޝަން މެޗުތައް ބައެއް ކުޅިވަރުތަކުގައި ކުރިއަށް ގެންދެވިދާނެ ކަމާމެދު ސުވާލު އުފެދިފައިވީ ނަމަވެސް ބީޗް ވޮލީގެ ކޮލިފައިން މެޗުތައް ކުޅެން ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ބިދޭސީ ކޯޗާ އެކު ކޮލިފިކޭޝަން މެޗު ތަކުގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ހަމަ އެއްވެސް ހުރަހެއް ނެތް ޓީމުގެ ފަރިތަކުރުންތައް ވެސް ބާއްވާކަށް އަދި ޕްލަސް އަލަށް މި ހަމަޖެހުނު ކޯޗުގެ އިރުޝާދުގެ ދަށުން އެ މެޗުތައް ކުޅެވިގެން ދާތީ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކޮލިފައިވެދާނެ ކަމަށް،" ރަނޭޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ބީޗް ވޮލީ ޓީމުތަކަށް އިރުޝާދު ދިނުމަށް ބިދޭސީ ކޯޗެއް ލިބުނީ ވޮލީގެ ދުނިޔޭގެ މައި އިދާރާ، އެފްއައިވީބީގެ ރައީސް، ބްރެޒިލްގެ އަރީ ގްރާސާ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.

ވިނީޝިއުސް މާޓިން ވަނީ ބްރެޒިލްގެ ގިނަ ކްލަބްތަކަކަށް އިންޑޯ ވޮލީ ކުޅެފަ އެވެ. އަދި އޭނާ ވަނީ ބީޗް ވޮލީގައި ބްރެޒިލާއި ޔޫއޭއީ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ޒިންމާ ވެސް އަދާކޮށްފަ އެވެ. މީގެއިތުރުން ވިނީޝިއުސް މާޓިންގެ ހެޑް ކޯޗު ކަމުގައި ގްރީސް އޮލިމްޕިކްސްގައި ވާދަކޮށް ބްރެޒިލްގެ ބީޗް ވޮލީ ޓީމުން ފަސްވަނަ ވެސް ހޯދާފައިވެ އެވެ.