ދުނިޔެ

އެމެރިކާއިން 200 މިލިއަން ޑޮލަރު ޔުކްރޭނަށް

ޔުކްރޭންގެ މައްސަލާގައި ރަޝިއާ އާއި އެމެރިކާ އޮތީ ގަޔަށް އަތްލާ ހިސާބުގަ އެވެ. ސަބަބަކީ އެމެރިކާ ބުނާ ގޮތުން ޔުކްރޭނަށް އަރައިގަނެ އެގައުމު ހިފަން ރަޝިއާ މަސައްކަތް ކުރުމެވެ.

މި ހާލަތުގައި މަޝްރަހު އޮތްއިރު އެމެރިކާ އާއި ޔޫރަޕްގެ ބައިވެރިން ގެންދަނީ ރަޝިއާ ރުޅިއެރުވުމަށްޓަކައި ޔުކްރޭނަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީވަމުންނެވެ.

ސީއެންއެން ބުނާ ގޮތުން ބައިޑަން ސަރުކާރުން ޔުކްރޭނަށް އެހީވުމަށްޓަކައި މާލީ ޕެކޭޖެއް ހުށަހަޅައިފައި ވެއެވެ. އެއީ ފައިސާއިން ބަލާނަމަ 200 މިލިއަން ޑޮލަރެވެ.

ސީއެންއެންގެ ރިޕޯޓެއްގައި މިޕެކޭޖާ ބެހޭ ގޮތުން ބުނެފައި ވަނީ މިއީ ބައިޑަން ސަރުކާރުން ސިރިއްޔާތުގައި ފާސްކުރި ޕެކޭޖެއް ކަމަށެވެ. މިކަމާ ގުޅޭ މަޝްވަރާތައް ހިނގައި ދިޔައީ އަނގަ ގަދަ މީހުންނަށް އެނގުމެއް ނެތި ކަމަށެވެ.

ޔުކްރޭނަށް ދިނުމަށް މިފަހަރު އެމެރިކާ ފާސްކުރި 200 މިލިއަން ޑޮލަރުގެ ބޮޑުބައި ފޯރުކޮށް ދޭނެ ކަމަށް ވަނީ ހަތިޔާރު ހިމެނޭ ގޮތުން އަސްކަރީ އަދި މުއާސަލާތީ އާލާތްތަކުގެ ގޮތުގަ އެވެ. ސީދާ މާލީ އެހީތެރިކަމަށް ވުރެ ޔުކްރޭނަށް މިހާރު ޖާސޫސީ އާލާތްތައް ވެސް މުހިންމެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 200 މިލިއަން ޑޮލަރަކީ ހާލަތަށް ބަލާއިރު ޔުކްރޭނަށް އެކައްޗަކަށް ވެސް ނުވާނެ އެވެ. އެހެން ނަމަވެސް އެމެރިކާ އާއި ޔޫރަޕު އަދި އިނިގރޭސިންގެ މަދަދާއެކު ރަޝިއާއަށް ރައްދު ދެވޭވަރު ޔުކްރޭންގައި ހުންނާނެ އެވެ.

ޔުކްރޭނުން ވެސް އޮތީ މަދަދަށް އެކި އެކުވެރި ގައުމުތަކަށް ގޮވާލާފަ އެވެ. އަދި ޖަރުމަނުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް ޔުކްރޭނަށް ހަތިޔާރު ނުވިއްކަން ޖަރުމަނުން މީގެ ކުރިން ނިންމާފައި އޮތް އޮތުމަށް އަދި ބަދަލު ގެނެފައި ނުވެ އެވެ.

ރަޝިއާ އާއި އެމެރިކާ ޔުކްރޭންގެ މައްސަލާގައި މިހާރު ގެންދަނީ މަޝްވަރާ ކުރަމުންނެވެ. ބެލެވޭ ގޮތުގައި ނޭޓޯއާއެކު ވެސް ރަޝިއާ މަޝްވަރާ ކުރާނެ އެވެ. އެހެން ނަމަވެސް ނޭޓޯއާ މަޝްވަރާ ކުުރުމަކީ ކޮންމެހެން މުހިންމު ކަމެއް ގޮތުގައި ރަޝިއާ ނުދެކެ އެވެ.