މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާގެ ނެޓްފްލިކްސް ސްޓޭންޑް އަޕް ކޮމެޑީ ޝޯ "އައި އޭމް ނޮޓް ޑަން ޔެޓް" ގެ ފުރަތަމަ ޓްރެއިލާ ރިލީޒް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. މި ޝޯގެ ވެސް ހޯސްޓަކީ ކަޕިލް އެވެ. މި ޓްރެއިލާގައި ކަޕިލް ވަނީ އޭނާ ކުރަން ބޭނުންވާ ކަންތައްތަކާއި އަމިއްލަ ނަފްސު އިސްލާހު ކުރަން ކުރަން ބޭނުންވާ ކަންތައްތަކުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ. ނަމަވެސް ޓްރެއިލާގައި އެންމެ ގިނަ ބަޔަކު އަޅައިގަތީ ކަޕިލްގެ އަންހެނުން ގިނީ ވަރަށް ރަނގަޅަށް ކަޕިލް އަށް ޖަވާބު ދޭތަން ފެނުނީމަ އެވެ.
ޖެނުއަރީ 28 ގައި ނެޓްފްލިކްސް އިން ދައްކަން ފަށަން ހަމަޖެހިފައިވާ މި ޝޯގެ ޕްރޮމޯގައި ކަޕިލް ވަނީ އޭނާ އާއި ގިނީގެ ލޯބީގެ ވާހަކަތައް ވެސް ހިއްސާ ކޮށްފަ އެވެ. ކަޕިލް ބުނި ގޮތުގައި ކައިވެނީގެ ކުރިން ގިނީ ދުއްވި ކާރު ވެސް އޭނާގެ މުޅި އާއިލާގެ މުއްސަނދިކަމާ ނުބައްދަލެވެ. ގިނީ އަކީ އެހާ ވެސް މުއްސަނދި އާއިލާއެއްގެ މީހެއް ކަމަށް ކަޕިލް ބުންޏެވެ.
މި ޝޯގެ އޯޑިއަންސްގައި ގިނީ ވެސް އިންދާ ފެނެ އެވެ. އަދި ކަޕިލް ވަރަށް މުހިއްމު ސުވާލެއް ގިނީ އާ ކުރާ ތަން ފެނެ އެވެ.
ކަޕިލް ސުވާލު ކުރަނީ ސްކޫޓަރު ދުއްވާ ފަގީރަކީ ކައިވެނިކުރަން ގިނީ ގަސްތުކުރީ ކީއްވެ ހެއްޔެވެ؟ ޖަވާބުގައި ގިނީ ބުނަނީ ހުރިހާ މުއްސަނދިން މުއްސަނދިންނާ ކައިވެނި ކުރުން ރަނގަޅު ނުވާނެ ކަމަށް ދެކޭ ކަމަށާއި ކަޕިލް އާ ކައިވެނިކުރީ ފަގީރަކަށް ހެޔޮކަމެއް ކޮށްދޭނީއޭ ހިތާ ކަމަށެވެ.
މި ޝޯގައި ކަޕިލް ވަނީ މިއުޒިކްގެ ރޮނގުން ކުރިޔަށް ދާން ބޭނުންވާ ވާހަކަ އާއި އާއިލާގެ ބައެއް ވާހަކަތައް ވެސް ހިއްސާ ކޮށްފަ އެވެ. އަދި އޭނާ ބޭނުންވާ މަގާމަށް އަދިވެސް ނާދެވޭ ކަމަށާއި ހިތްވަރާއެކު އަދިވެސް އެހިސާބަށް ދާން މަސައްކަތްކުރަމުންދާ ކަމަށް ކަޕިލް ބުންޏެވެ.