ޒަކާތް

މުދަލު ޒަކާތަށް މިދިޔަ އަހަރު 90 މިލިއަން ރުފިޔާ ލިބިއްޖެ

Jan 11, 2022

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 90.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދާ އެކު 2021 ވަނަ އަހަރު ވެގެން ގޮސްފައިވަނީ އެންމެ ގިނައިން މުދަލު ޒަކާތް ލިބުނު އަހަރުގެ ގޮތުގަ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 90.6 މިލިއަން ރުފިޔާ އަކީ 2020 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 60.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު އެކަނި ވެސް 11.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާ އަށް ހާޒިރުވެގެން ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު އެ އޮތޯރިޓީން އޮންނަނީ ހަމަޖައްސާފަ އެވެެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މުދަލު ޒަކާތުގެ ނިޞާބު އެންމެ ފަހުން ކަނޑައަޅާފައިވަނީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 6،961.50 ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.