ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރޭތީ އެކަމަށް ސަމާލުވާން އެޗްއީއޯސީން އިލްތިމާސްކޮށްފި އެވެ.
އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެންމެ ފަހުން މިފަދަ އައުޓްބްރޭކެއް އައިސްފައި ވަނީ 2019 ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން މިދިޔަ އަހަރު މީގެ ކޭސްތައް ވަރަށް މަދުވެފައި ހުރުމަށްފަހު މިމަހު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އަފްޒަލް ވިދާޅުވި ގޮތުގައި ބޮޑަށް ޝައްކު ކުރެވެނީ މިހާރު މިއުޅޭ ބޭރަށް ހިންގުމުގެ ރޯގާފެ ވައިރަސް އަކީ "ނޯރޯ ވައިރަސް" އެއް ކަމަށެވެ. އެގޮތުން މި ޖަރާސީމު ހަށިގަނޑަކަށް ވަންނަތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަން ފަށަ އެވެ.
މި ވައިރަސްގެ ސަބަބުން ޖެހޭ ބޭރަށް ހިންގުމަކީ ވައިރަސް ހަށިގަނޑަށް ވަންނަތާ 12 ގަޑިއިރާ 48 ގަޑިއިރާ ދެމެދުގެ ކުރު މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަ ވައިރަސް އެއް ކަމަށް އަފްޒަލް ވިދާޅުވި އެވެ. އަދި ހަށިގަނޑުގައި އެ ބަލި ހުންނަ މުއްދަތު ވެސް ވަރަށް ކުރު ކަމަށާއި އެގޮތުން އާންމު ގޮތެއްގައި ހަށިގަނޑުގައި މި ވައިރަސް ހުންނާނީ ގާތްގަނޑަކަށް 24 ގަޑިއިރާ 60 ގަޑިއިރާ ދެމެދުގެ މުއްދަތެއްގައި ކަމަށް އަފްޒަލް ވިދާޅުވި އެވެ.
"ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގަ ޖެހޭ ބައްޔެއް އަދި އެހާ އަވަހަށް ފެތުރިގެންދާ ބައްޔެއް. އެކަން އެނގެނީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ބަޔަކަށް ބަލި ފެތުރިގެން ދިޔަކަމުން. އަދި މިބާވަތުގެ ވައިރަސް ޖެހޭ ބޭރަށް ހިންގުތަކަކީ ވަރަށް ފަސޭހައިން ފެތުރޭނެ ބަލިތަކެއް. މާނައަކީ އަޅުގަނޑުމެންގެ އަތުންނާއި މީގެ އިތުރުން ކާބޯތަކެތީގެ ޒަރިއްޔާއިން ވެސް ނޫނިއްޔާ އެއުޅޭތަނެއްގެ ސާފޭސްތަކުން ވެސް ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް މި ބަލި ޖެހިގެންދާނެ،" އަފްޒަލް ވިދާޅުވި އެވެ.
މި ބަލިން އާންމުކޮށް ފެންނަ އަލާމާތްތަކީ ހޮޑުލެވުމާއި ބޭރަށް ހިންގުމެވެ. ހަށިގަނޑުގައި ބަލި ހުންނަ މުއްދަތު ކުރުވިޔަސް، ވަރުބަލިވުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ދިމާވާކަމަށް އަފްޒަލް ވިދާޅުވި އެވެ.
އަފްޒަލް އިތުރަށް ވިދާޅުވީ މިފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއް ނެތް ކަމަށެވެ. ބޭރަށް ހިންގާނަމަ އޯއާރްއެސް ނުވަތަ ލޮނު ޕެކެޓް ބޭނުން ކުރުމަށް އެދިވަޑައިގަތެވެ. އާންމުކޮށް މާ ނުރައްވާނުވި ނަމަވެސް ހައިރިސްކް މީހުންނަށް ނުރައްކާވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ރައްކާތެރިވުމުގެ ގޮތުން ރަނގަޅަށް އަތް ދޮވުން ފަދަ ކަންކަން ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.