ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ރާއްޖޭގެ ފަރުމަސްވެރިކަމުގެ މައުލޫމާތު އެއްކުރަނީ

Jan 11, 2022

ރާއްޖޭގައި ބާނާ ފަރުމަހުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތެކެވެ.

ވޯލްޑް ބޭންކާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮޖެކްޓަށް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައިޑީއޭ) އިން ހިލޭ އެހީ ފޯރުކޮށްދެ އެވެ.

ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދަނީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުންދާ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަންނީ މުވައްޒަފުންނެވެ.

އެއްކުރާ މައުލޫމާތުގެ ތެރޭގައި ފަރުމަހުގެ މަސްވެރިކަމުގައި އުޅޭ މީހުންގެ އަދަދުތަކާއި، މަހުގެ ސައިޒާއި، ބާނާ މަހުގެ ބާވަތާއި، ކިރުވާ މަހުގެ އަދަދު ކަހަލަ މުހިއްމު މައުލޫމާތުތަކެއް ހިމެނެ އެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ގެންދަނީ ފަރުމަހުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން އަތޮޅު ތެރެއިން މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ރާއްޖޭގައި ބާނާ ފަރުމަހުގެ މައުލޫމާތު އެއްކުރުމުގެ މައިގަނޑު ބޭނުމަކީ ފަރުމަހުގެ މަހުގެ ސައިޒުތައް ދެނެގަތުމާއި، ފަރުމަސްވެރިކަމަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މައުލޫމާތު ރައްކާކުރުމެވެ.