އިލެކްޝަންސް ކޮމިޝަން

ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް

Jan 11, 2022

ދައުލަތުގެ މިއަހަރުގެ ބަޖެޓުން ހަތަރު ސިޔާސީ ޕާޓީ އަކަށް ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެގޮތުން ފައިސާ ލިބެނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 10،000 މެންބަރުން ހަމަކޮށްފައިވާ ކަމަށް އެ ޕާޓީން އިއުލާންކޮށްފައިވީ ނަމަވެސް މިއަހަރުގެ ބަޖެޓުން އެ ޕާޓީ އަށް ފައިސާއެއް ނުލިބެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ މައުލޫމާތަށް ބަލާއިރު 10،000 މެންބަރުން ތިބި ޕާޓީ ތަކުގެ ތެރޭގައި އަދާލަތު ޕާޓީއެއް ނުހިމެނެ އެވެ. ވެބްސައިޓްގައިވާ ގޮތުން އަދާލަތު ޕާޓީގައި ތިބީ 6،280 މެންބަރުންނެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށް ކަމަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކުރަނީ ހިނގަމުންދާ އަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓް ފާސްކުރާ ދުވަހުގެ ކުރިއަށް 10،000 މެންބަރުން ހަމަކޮށްފައިވާ ޕާޓީތަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި ހިމެނެނީ 11 ޕާޓީ އެވެ.