އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވަގުތީ އިމާރާތުގެ މަސައްކަތް އިންތިޒާމުކޮށްފައިވާ ގޮތަށް ކުރިއަށްދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަރަބިއްޔާގެ ދަރިވަރުންނަށް ވަގުތީ އިމާރާތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތެވެ.
އަރަބިއްޔާގެ ދަރިވަރުންގެ ވަގުތީ ސްކޫލުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ ބައްލަވާލައްވާފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތުން އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވޭއިރު އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ވަގުތީ އިމާރާތުގައި ފެށޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.
ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ވަގުތީ އިމާރާތުގެ މަސައްކަތް ކުރަނީ ސިފައިންނެވެ.
އަރަބިއްޔާ ސުކޫލް ހިންގި އިމާރާތުގައި ތިބުން ރައްކާތެރި ނުވުމުން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ އިއްޒުއްދީން ސުކޫލު ހިންގާ އިމާރާތަށް އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ބަދަލު ކުރާށެވެ. ނަމަވެސް ދެ ސުކޫލެއްގެ ދަރިވަރުން އެއް އިމާރާތެއް ހިއްސާ ކޮށްގެން ބޭނުން ކުރަން އަރަބިއްޔާގެ ބެލެނިވެރިން ދެކޮޅު ހެދި އެވެ. އަދި ދަރިވަރުން ސުކޫލަށް ނުފޮނުވަން ނިންމި އެވެ. އެ ނިންމުމާ ހަމައަށް އެޑިޔުކޭޝަނުން ވަނީ އިއްޒުއްދީންގައި އަރަބިއްޔާ ކުދީންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމި ނިންމުން ބަދަލު ނުކޮށް އެ ނިންމުމުގައި ދެމި ތިބެފައެވެ.
އެ ނިންމުމަށް ބަދަލު އައީ އަރަބިއްޔާގެ ބެލެނިވެރިން އިހުތިޖާޖުކޮށް އަދި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސާއެކު ވެސް ވަކިވަކިން ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަ ފަހުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވެވި ބައްދަލުވުމުގައި އަރަބިއްޔާގެ ދާއިމީ އިމާރާތެއް ބާޖަމާލުއްދީން ހިންގި ބިމުގައި އަޅުއްވައި ދެއްވާނެ ކަމަށާ އަދި ވަގުތީ ގޮތުން ހަމަޖައްސައިދޭ ތަނަކަށް ރަނގަޅު އިމާރާތެއް ހަމަޖައްސަވާނެ ކަމަށް ރައީސް އެންގެވި އެވެ. ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތް އަރަބިއްޔާ އަށް ދިނީ އެ ބައްދަލުވުމަށްފަހު އެވެ.