ލައިފްސްޓައިލް

ކައިވެނި ޕާޓީގައި ވަރި ކޮށްލައިފި

ވަރި ކުރުމަކީ މާ އުނދަގޫ އަދި އެހާ ދެރަވާން ޖެހޭ ކަމެއް ކަމަކަށް މިހާރު ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ. މީގެ އެއް ހެއްކަކީ ދުނިޔޭގައި ވަރި ގިނަ ވަމުންދާ މިންވަރެވެ. ނަމަވެސް އިރާގުގައި ދާދިފަހުން ކުރި މި ވަރިއަކީ މުޅި ދުނިޔޭން ވެސް ފާހަގަކޮށްލެވޭ ތާރީޚީ ވަރިއަކަށް ވާނެކަން ޔަގީނެވެ. ސަބަބަކީ ވަރި ކުރިލެއް އަވަސް ކަމާއި ވަރި ކުރަން މެދުވެރިވީ ސަބަބާއި ތަނެވެ.

އިރާގުގެ ވެރިރަށް ބަޣުދާދުގައި އޮތް މި ކައިވެނީގެ ހަފުލާއަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަ އެވެ. ނަމަވެސް ކައިވެނީގެ އުފަލުގައި ބައިވެރިވާން ދިޔަ މީހުންނަށް ކުއްލިއަކަށް ބޮޑު ޝޮކެއް ލިބުނީ ކައިވެނިކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ކައިވެނި ހޯލުގައި ހުރެ ފިރިހެން މީހާ އޭނާގެ އަލަތު އަނބިމީހާ ވަރިކޮށްލީމަ އެވެ.

ފިރިހެންމީހާ ރުޅިއައީ ކައިވެނި ޕާޓީގައި އޭނާ ހިތްހަމަނުޖެހޭ ސީރިޔާ ލަވަޔަކަށް އަންހެންމީހާ ނެށީމަ ކަމަށް ގަލްފް ނިއުސްގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.

އަންހެންމީހާ ނެށީ "މެސޭތަރާ" ކިޔާ ލަވަ އަކަށެވެ. އިނގިރޭސި ބަހުން މީގެ މާނައަކީ 'އައި އޭމް ޑޮމިނަންޓް' އެވެ. (ކަލޭގެ މައްޗަށް އަހަރެން ވެރިވާނަމެވެ. ނުވަތަ އަހަރެން ކަލޭ ކޮންޓްރޯލް ކުރާނަމޭ އެވެ.)

މި ލަވަޔަށް އަންހެންމީހާ ނަށާތަން ފެނިފައި ފިރިހެންމީހާގެ ހިތަށް ވަރަށް އަސަރުކޮށް ރުޅިގަދަވީ އެވެ. އަދި ކައިވެނި ޕާޓީ އޮތް ހޯލުގައި އެންމެން ކުރިމަތީގައި އޭނާ ވަރިކޮށްލީ އެވެ.

ވަރިކުރުމުގެ ކުރިން ފިރިހެންމީހާގެ އާއިލާ އާއި އޭނާ ވަނީ ކައިވެނިކުރި އަންހެންމީހާ އާ ވަރަށް ހޫނުކޮށް ޒުވާބުކޮށްފަ އެވެ. އެންމެ ފަހުން ޒުވާބު ކުރަމުން ގޮސް ވަރިއާ ހަމަޔަށް ދިޔައީ އެވެ.

ހަމަ ހަގީގަތުގައި ވެސް އެ ލަވައިގައި ކިޔަނީ ފިރިހެނުން ވަރަށް ރުޅި އަންނަ ކަހަލަ ވާހަކަ ތަކެކެވެ. "އަހަރެން ކަލޭގެ މައްޗަށް ވެރިވެ ގަންނާނަމެވެ. ކަލޭ ޖެހޭނީ އަހަރެންގެ ހަރުކަށި އިރުޝާދުތަކަށް ބޯލަނބާށެވެ. ކަލޭ ތީ މަގޭ ހަކުރުގުޅަ އެވެ. އަހަންނާއެކު ކަލޭ އުޅޭހާ ދުވަހަކު ކަލޭ ޖެހޭނީ މަގޭ އަމުރަށް ތަބާ ވާށެވެ. އަހަންނަކީ ބޮޑާ މީހެކެވެ. އަހަންނަކީ ބޮޑާ މީހެކެވެ،" މި ލަވައިގެ މައިގަނޑުގައި ކިޔަ އެވެ.

މިކަހަލަ މަޖާ ވަރިތަކުގެ ވާހަކަ ދުނިޔޭގެ އެކި ގައުމުތަކުން މަދުން ނަމަވެސް އިވެ އެވެ. އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މީހަކު ދާދިފަހުން އޭނާގެ އަންހެނުން ވަރިކޮށްފައިވަނީ ފެން ނުވަރާތީ ކަމަށް ބުނެފަ އެވެ. އެމީހާ ވަރިކުރަން އުޅުނީމަ އަންހެންމީހާ ކޯޓަށް މައްސަލަ ހުށަހަޅައިގެން ވެސް ކައިވެނި ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. އެ ދެމީޙުންގެ އެއް އަހަރުގެ ދަރިއަކު ހުރުމާ ވެސް އެކުގަ އެވެ. ނަމަވެސް ފިރިހެންމީހާ ކޯޓުގައި ބުނީ އަންހެންމީހާ އާ އިނދެގެން އުޅެން ބޭނުން ނުވާ ކަމަށެވެ. އެންމެ ފަހުން ކޯޓުން ވަނީ އެ ދެމީހުން ވަރިކޮށްދީފަ އެވެ.