ކޮމަންޑޫ

މަޖިލީހުގެ މެމްބަރުންނާއި ވަޒީރުން ކޮމަންޑޫގައި

އަންނަ މަހު ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެމްޕޭނަށް ގިނަ އަދަދެެއްގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވަޒީރުން އެރަށް ވަޑައިގެންފި އެވެ.

ކޮމަންޑޫގައި މިވަގުތު ތިއްބެވި މަޖިލިސް މެމްބަރުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހިމެނެ އެވެ. އަދި ވަޒީރުންގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީވެސް މިވަގުތު ހުންނެވީ ކޮމަންޑޫގަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ ބޭފުޅުންވެސް ކޮމަންޑޫގައި މިވަގުތު ތިއްބެވިއިރު މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މި ރަށަށް ވަޑައިގެންނެވި އެވެ.

މުހިންމު މިނިސްޓަރުންތަކެއް ކޮމަންޑޫއަށް ވަޑައިގެންނެވި އިރު ސަރުކާރުން މި އިންތިހާބަށް ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު އިދިކޮޅުން ދަނީ ކުރަމުން ނެވެ. އެގޮތުން ކޮމަންޑޫއާ ކައިރީގައި އޮންނަ މަތި ކޮމަންޑޫ ހިއްކައި ދެ ރަށް ބުރިޖަކުން ގުޅާލަން ކުއްލިއަކަށް އިއުލާންކުރުން ފާހަގަކުރެ އެވެ.

ނަމަވެސް އިންތިހާބަށް ސަރުކާރަށް ނުފޫޒުފޯރުވާކަމަށް އިލެކްޝަން ކޮމިޝަނުން އެއްބަހެއް ނުވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން މިހާތަނަށް ނިންމާފައިވަނީ އެމްއެންޕީ އާއި އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް އެމްޑީޕީއާއި އެމްއެންޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ޓީމުތައް މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކެމްޕޭން ފަށާފަ އެވެ.