އިންތިހާބާ ދިމާކޮށް ބޮޑެތި މަޝްރޫއުތައް އިއުލާންކޮށް ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ޓްރާންސްޕޭރަންސީ އެކަމަށް ގޮވާލާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި މަޝްރޫއުތަކެއް ފެށުމަށް ނިންމާ ބައެއް މަޝްރޫއުތަކުގެ މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހާމަވެސް ކުރައްވާފައި ވަނިކޮށެވެ.
ސަރުކާރުން އިއުލާން ކުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ށ. ކޮމަންޑޫއާއި އެރަށުގެ ފަޅުތެރޭގައި އޮތް މަތިކޮމަންޑޫގެ ބިން ހިއްކާ ދެ ރަށް ގުޅާލުމުގެ މަޝްރޫއެވެ. އެއީ ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެސް ނުވާ މަޝްރޫއެކެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބާ ދިމާކޮށް ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އިއުލާންކުރުމަކީ ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އެހެންވެ އެފަދަ އަމަލުތައް އެ ޖަމިއްޔާ އިން ކުށްވެރިކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ބެލުމަށް މިހާތަަނަށް އެއްވެސް ދިރާސާއެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައިވެސް ނުވާ ކަމަށެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކުގެ ސަބަބުން އިންތިހާބުތަކަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ ބަޔާނުގައި ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި ކަމާ ގުޅޭ ގާނޫނެއް އެކުލަވާލުމަށްވެސް ގޮވާލާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެ ގާނޫނަށް އަމަލުކުރަން ވެސް އެދިފައިވެ އެވެ.
"އެފަދަ މަޝްރޫއުތަކަކީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގޭ މަޝްރޫއުތަކެއްކަން ކަށަވަރުކުރުމުގެ އިތުރުން އެ މަޝްރޫއުތައް ހިންގެނީ އެންމެ ބޭނުން ޖެހިފައިވާ ކަންކަންކަމަށާއި ސަރަހައްދުތަަކަށްކަން ކަށަވަރުކުރުން،" ބަޔާނުގައިވެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި މިވަގުތު ވެސް ގިނަ އަދަދެއްގެ ވަޒީރުންނާއި އެމްޑީޕީގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިން ތިއްބެވީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގަ އެވެ. އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ. ނަމަވެސް އެފަދަ މައްސަލައެއް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.