ޓޫރިޒަމް

ރަޝިއާގެ އެންމެ ބޮޑު މަހުޖަނު، އަގުބޮޑު ޔޮޓްގައި ރާއްޖެއަށް

Jan 12, 2022
4

ރަޝިއާގެ އެންމެ މުއްސަނދި މީހާ އެލެކްސިއާ މޮރްދަޝޯވް އޭނާގެ އަގު ބޮޑު ޔޮޓާ އެކު ރާއްޖެ އަތުވެއްޖެ އެވެ.

އެލެކްސިއާ ރާއްޖެ އައި ވަކި ދުވަހެއް އެނގިފައެއް ނުވެ އެވެ. އޭނާގެ ޔޮޓް "ނޯޑް" އޮތީ ބ. އަތޮޅުގަ އެވެ.

އެ އަތޮޅުގެ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކެއް ހިންގަމުންދާތީ އެލެކްސިއާ ޗުއްޓީ ހޭދަކުރަމުން ދަނީ ބ. އަތޮޅުގައި ކަމަށް ބެލެވެ އެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އަށް ބަލާއިރު އެލެކްސިއާގެ މިލްކިއްޔާތުގައި 29 ބިލިއަން ޑޮލަރު -- 448 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

އޭނާގެ މައިގަނޑު ވިޔަފާރިއަކީ މައިންކޮށްގެން ރަން ނަގާ ވިއްކުމާއި، ސްޓީލް އުފައްދާ ވިއްކުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމާއި، ބޭންކިންގެ އިތުރުން ޓެލެކޮމިއުނިކޭޝަންގެ ވިޔަފާރި އެވެ.

މިދިޔަ އަހަރު ބޭލި ނޯޑަކީ 142 މީޓަރު ދިގު އަދި 20 ކޮޓަރި ހުންނަ ހަ ބުރިއަށް ހަދާފައިވާ ޔޮޓެކެވެ. އެއް ފަހަރާ 36 މީހުންނަށް ދިރިއުޅެވޭއިރު ސްވިންޕޫލްތަކާއި ކުޅިވަރު ކުޅޭނެ ޑެކަކާއި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް ހަދާފައިވެ އެވެ.

މިދުވަސްވަރަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމީ ތަރިންނާއި އެތުލީޓުންނާއި މަހުޖަނުން އެންމެ ގިނައިން ރާއްޖެ އަށް ޗުއްޓީ އަށް އަންނަ ދުވަސްވަރެވެ.