ދުނިޔެ

ގުރީކުން ފައްސާލި 15،000 ހިޖުރަވެރިން ސަލާމަތްކުރި

ޔޫރަޕު ގައުމަކުން ބޯހިޔާވަހިކަން ހޯދުމުގެ އުންމީދުގައި ރަބަރުބޯޓުތަކުގައި ދަތުރުކުރި ހިޖުރަވެރިންނަށް ގުރީކުން ވަރަށް އިހާނެތިކޮށް ހިތާ ކަމަށް ތުރުކީން ބުނެފި އެވެ.

ތުރުކީ ކޯސްޓް ގާޑުން ބުނި ގޮތުން 2021 ގައި 15،174 ހިޖުރަވެރިން ކަނޑުމަތިން ނަގައި ވަނީ ސަލާމަތްކޮށްފަ އެވެ.

ތުރުކީ ކަނޑުގެ ސިފައިން ބުނާ ގޮތުން ގުރީކު ސިފައިންނަށް ފެންނަ ހިސާބުން ދަތުރުކުރާ ހިޖުރަވެރިންގެ ރަބަރުބޯޓުތައް ގުރީކާ ދުރަށް ޖައްސައި ތުރުކީ ކަނޑަށް ވާގޮތަށް ފައްސާލާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ރަބަރުބޯޓު ފަޅައިގެން ގޮސް ދަތުރުވެރިން ކަނޑުވެފައިވާ ކަމަށެވެ.

ހިޖުރަވެރިންނާ މެދު ގުރީކުން ކަންތައް ކުރާގޮތް ޚަބަރަށް ކިޔައިދެމުން ތުރުކީ ކޯސްޓް ގާޑު އޮފިޝަލުން ބުނީ ހިޖުރަވެރިން ދަތުރުކުރާ އުޅަނދުން ފޭރުމާއި، އުޅަނދު ހަލާކުކޮށްލުން އަދި އިންޖީނު ވަކިކޮށް ކަނޑަށް ދޫކޮށްލުން ފަދަ އަމަލުތައް ގުރީކު ކަނޑުގެ ސިފައިން ކުރާ ކަމަށެވެ.

ޔޫރަޕަށް ދަތުރުކުރާ ހިޖުރަވެރިންގެ ތެރޭގައި ގިނައީ މެދުއިރުމައްޗަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ސީރިއާ އާއި ޔަމަން އަދި އީރާގު ވެސް ހިމެނެ އެވެ.

ތުރުކީން ބުނި ގޮތުން 2021 ގައި 15 ގަބުރެއް ކަނޑުމަތިން ނަގައި އަދަބު އަދާކުރެވިފައިވެ އެވެ.

ހިޖުރަވެރިންގެ މައްސަލާގައި ބެލަރޫސް އާއި ޕޮލޭންޑުން ފާއިތުވި އަހަރު ނޮވެމްބަރުގައި ވަނީ ރުޅިވެރިކަމާ އެކު މުއާމަލާތްކޮށްފަ އެވެ.

ޕޮލޭންޑްގެ ތެރެއިން ޔޫރަޕު ގައުމުތަކަށް ވަންނަން މަސައްކަތްކުރި ހިޖުރަވެރިން، ޕޮލޭންޑާއި ބެލަރޫސްގެ ބޯޑަރަށް ޖަމާވުމުގެ ސަބަބުން މަސްލަހަތު ވަރަށް ގޯސްވެގެން ދިޔަ އެވެ. ދެގައުމުގެ ދެމެދުގައި ހަނގުރާމައެއް ނުހިނގައި ސަލާމަތްވީ ހަމަކިރިޔާ އެވެ.

ހިޖުރަވެރިން އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމަކަށް ދަތުރުކުރަނީ އަމިއްލަ ގައުމުގައި ހިނގާ ދާޅިލީ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

އަމިއްލަ ބިމުގައި އުޅެވޭ ވަރަށް ވުރެ އުނދަގޫ ބޮޑުވުމާއި ކާބޯތަކެތި ނުލިބުމަކީ ވެސް އެހެން ގައުމުތަކަށް މީހުން ހިކުރަކުރާ ސަބަބެކެވެ.