ދުނިޔެ

ޓެރަރިސްޓުންގެ ކިބައިން ދިވާއުވުމުގެ ހައްގު ތުރުކީއަށް އޮންނާނެ: އެމެރިކާ

ތުރުކީގެ އިސްތަންބޫލްގައި ބޮމެއް ގޮއްވާލައި ނޮވެމްބަރު 13 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ޓެރަރިސްޓުންގެ ހާލިތައް ނައްތާލުމަށް ތުރުކީން ހިންގާ ޚާއްސަ އޮޕަރޭޝަންތަކަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި އެމެރިކާއިން ތުރުކީ ކޮޅަށް ޖެހިލައި މާ ރަނގަޅު ބަޔަކަށް ވެއްޖެ އެވެ.

ތުރުކީގެ ދެކުނު ބޯޑަރުން ސީރިއާ، އީރާގު ފަޅިއަށް ވާގޮތަށް ކުރިދީންނަށް އަމާޒުކޮށް ތުރުކީގެ ޖެޓްތަކުން ދިން ރޮކެޓް ހަމަލާތައް ވަރަށް ގާތުން ބަލާނެ ކަމަށް އެމެރިކާ ބުނި ނަމަވެސް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ކޯން ކާބީ ވިދާޅުވީ ޓެރަރިސްޓުންގެ ކިބައިން ސަލާމަތްވުމަކީ ތުރުކީއަށް ވެސް އޮތް ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކުރުދީންނަށް ވައިގެ މަގުން ހަމަލާ ދިނުމަށްފަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ވައިގެ މަގުން ދޭ ހަމަލާތަކުން ޓެރަރިސްޓުންނަށް ގޮތެއް ނުވެއްޖެނަމަ ތުރުކީގައި ބާރުގަދަ ޓޭންކަރު ވެސް ހުރި ކަމަށެވެ.

ތުރުކީ އައިސިސް އަދި ޕީކޭކޭއާ ދެކޮޅަށް ކުރާ ހަނގުރަމަ އަކީ އެންމެންގެ ނަމުގައި ކުރާ ހަނގުރާމައެއް ކަމަށް ކޯން ކާބީ ވިދާޅުވި އެވެ.

ޚަބަރުތައް ބުނާ ގޮތުން ކުރުދީ ޓެރަރިސްޓުންނަށް ހަމަލާދިނުމަށް ސީރިއާގައި ރަޝިއާ އާއި އެމެރިކާ ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގެ މަތިން ތުރުކީ ޖެޓްތައް އުދުހުނެވެ.

މިކަމުން ދޭހަކޮށްދެނީ ޓެރަރިސްޓުން ނައްޓާލަން ރަޝިއާ އަދި އެމެރިކާ ވެސް ރުހޭކަމެވެ. އެހެން ނަމަވެސް، ސީރިއާގައި ހަނުޖެހުން އިތުރުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ރަޝިއާއިން ވަނީ ތުރުކީއަށް ގޮވާލާފަ އެވެ.

ތުރުކީން ބުނީ ސީރިއާގެ ބިންތަކުގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިވެ ތިބެ މިނިވަން ދައުލަތްތަކުގެ ހަމަޖެހުން ނައްތާލަން މަސައްކަތްކުރާ ޓެރަރިސްޓް ޖަމާއްތަތަކަށް ހަމަޖެހުމެއް ނޯންނާނެ ކަމަށާއި ހިތިގޮތަކަށް ބަދަލު ހިފާނެ ކަމަށެވެ.

ޓެރަރިސްޓުންގެ ހާލިތަކާއި ތިބިތަން އަދި އެ މީހުން ދަތުރުކުރާ މަގުތަށް ތުރުކީއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެސް ތުރުކީން ބުނެ އެވެ.

ޓެރަރިސްޓުންގެ މަގުސަދަކީ އަމަން ގެެއްލުވާލުން ކަމަށްވާނަމަ އެއަށް ވުރެ ކުރިން ހާލިތައް ރޫޅާލާނެ ކަމަށްވެސް ތުރުކީ އޮތީ ބުނެފަ އެވެ.