ދޮންބާސްގައި ވަކިވެގަތުމަށް މަސައްކަތްކުރާ މީހުން މަގުތަކަށް ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި ޔުކްރޭން ސިފައިންނަށް ހަމަލާދީ އެކަކު މަރާލާފައިވާ ކަމަށް ޔުކްރޭނުން ބުނެފި އެވެ.
ޔުކްރޭން އަސްކަރިއްޔާއިން ބުނި ގޮތުން ދޮންބާސްގައި ހަމަނުޖެހުން ހިންގަނީ ރަޝިއާއަށް ތާއީރުކުރާ މީހުންނެވެ. އެއީ ރަޝިއާއިން ސްޕޮންސާ ކޮށްގެން ހިންގާ އަމަލުތަކެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު މަސްލަހަތު ގެއްލިފައި އޮތްއިރު ވަކިވެ ގަތުމަށް މަސައްކަތްކުރާ މީހުންގެ އުނދަގޫ ވަރަށް ބޮޑު ކަމަށް ޔުކްރޭން ބުނު އެވެ.
ޔުކްރޭން ބޯޑަރު ސަރަހައްދަށް ރަޝިއާގެ އަސްކަރީ ފައުޖުތައް ޖަމާ ކުރަމުން ގެންދާ މައްސަލާގައި ޔުކްރޭނުން އޮތީ އެމެރިކާ އާއި ޔޫރަޕްގެ އެހީއަށް އެދިފަ އެވެ. އަދި އެމެރިކާ އާއި ނޭޓޯ ސިފައިން ގެންދަނީ ޔުކްރޭން ސަރަހައްދުގައި ފޯރި މަރަމުންނެވެ.
ޔުކްރޭނުން ތުހުމަތުކުރާ ގޮތުގައި ރަޝިއާ އުޅެނީ ޔުކްރޭނަށް އަރައިގަންނާށެވެ. އެއީ 2014 ގައި ރަޝިއާ ސިފައިން ކްރައިމިއާ ހިފި ގޮތަށެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް އަރައިގަނެ އުދުވާނީ ހަމަލާއެއް ދިނުމަކީ ރަޝިއާ ކުރާނެ ކަމެއް ނޫނެވެ. ރަޝިއާ އާއި އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާގައި، ޔުކްރޭނަށް ހަމަލާ ނުދޭނެ ކަމަށް ރަޝިއާ ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ރަޝިއާގެ މި ބުނުމަކީ ކަނޑުގައި އަޅާލާ ރޮނގެއް ކަމަށް ޔޫރަޕުން ބުނެ އެވެ. ރަޝިއާ ސިފައިން ޔުކްރޭން ސަރަހައްދުގައި ތިބިހާ ހިނދަކު ނޭޓޯ ސިފައިން ޔުކްރޭނުން ނުފައިބާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނޭޓޯއާ މެދު ރަޝިއާ އޮތް ހިތްހަމަ ނުޖެހުމަކީ ނޭޓޯގެ މެމްބަރަކަށް ވުމުގެ ފުރުސަރު ޔުކްރޭނަށް ހުޅުވާލާފައި އޮތުމެވެ. އަދި ބޭނުން ކޮންމެ ގައުމަކަށް ވެސް ނޭޓޯ ގަވާއިދުތައް ހުއްދަދޭ ނަމަ އެ ޖަމާއަތުގައި ބައިވެރި ވެވިދާނެ ކަމަށް ބުނުމެވެ.