އިދިކޮޅު ޕީޕީއެމްގެ ސިޔާސަތަކީ ރަށްތައް ފަޅުކޮށް ވިއްކާލުން ކަމަށްވާތީ އިދިކޮޅު ފިކުރަށް އިންތިހާބުގައި ނޫނެކޭ ބުނަން ޖެހޭ ކަަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަގަހަ މިއަދު ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.
ޝާހިދާއި ބައެއް ވަޒީރުންނާއި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް އިސްވެރިން މަރޮށްޓަށް ވަޑައިގަތީ ވެސް މިއަދު އެވެ.
މަރޮށީގައި ވާހަކަފުުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު އަތޮޅު ތެރޭގައި ފަޅުކޮށް ވިއްކާލި ގޮތް އޮތީ ފެންނަން ކަމަށެވެ. އެހެންވެ އެ ފިކުރަށް ތާއީދުކޮށް ވޯޓު ދިނުމަކީ މޮޔަ ވިސްނުމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި ރަށްތަކަށް ހެދި ގޮތް ރައްޔިތުން އަދި ހަނދާން ނުނެތޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ރަށްރަށުގެ ޖަޒީރާވަންތަކަން ނުގެއްލޭ ގޮތަށް ވަކި ރަށެއް ތަފާތު ނުކޮށް ކޮންމެ ރަށެއް ވެސް ތަރައްގީކުރުން ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް އިންތިހާބުތަކުަގައި ވޯޓްދީ އެމްޑީޕީގެ ސިޔާސަތުތައް ޕްރޮމޯޓް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ސޯލިހް މަސައްކަތް ކުރައްވަނީ ހުރިހާ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ ގަދަރުވެރި ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ކެމްޕޭނަށް ސަރުކާރުގެ އިސްވެރިން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން ކެމްޕޭނަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިދިކޮޅުން ގެންދަނީ ތުހުމަތުކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ނުފޫޒޫ ފޯރުވުމަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމަންޑޫ ދާއިރާ އަށް އެމްޑީޕީގެ އިތުރުން ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާނު އިދުރީސް އެވެ.