ދުނިޔެ

"އިޒްރޭލު އިންޓެލިޖެންސާ ބައްދަލެއް ނުކުރަން"

ލީބިޔާގެ އިންތިގާލީ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބީބަތު އިޒްރޭލު އިންޓެލިޖެންސް އޮފިސަރުންނާ ބައްދަލު ކުރެއްވި ކަމަށް ބުނެ ފަތުރަމުން ގެންދާ ޚަބަރުތައް އޭނާ ދޮގު ކުރައްވައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮޑުވަޒީރު ދަބީބަތު އިޒްރޭލު އިންޓެލިޖެންސް އޮފިސަރުންނާ ބައްދަލު ކުރެއްވީ އުރުދުންގެ ވެރިރަށް އަންމާންގަ އެވެ.

"ތިޔަ ވިދާޅުވާ ކަމެއް ތިޔަ ވިދާޅުވާ ގޮތަށް ހިނގާފައެއް ނުވޭ،" ލީބިޔާ ސަރުކާރުން ބަޔާނެއް މެދުވެރިކޮށް ސާފު ކޮށްދީފައިވެ އެވެ. "އަދި ތިޔަ މާނަކުރާ ގޮތަށް ތިޔަކަން ދުވަހަކު ވެސް ނުހިގާނެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ލީބިޔާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ލީބޔާ އޮންނާނީ ފަލަސްތީނާއެކު އެވެ. އަދި ފަލަސްތީނަށް ކަމެއް ގޯސް ވެދާނެ އެއްވެސް ކަމެއް ނުކުރާނެ އެވެ.

ލީބިޔާގެ ބޮޑުވަޒީރު އަބްދުލް ހަމީދު ދަބީބަތާ ބެހޭ ގޮތުން މަޝްހޫރު ގިނަ ނޫސްތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދުގެ ވެެރިންނާ ދަބީބަތު ބައްދަލު ކުރެއްވި އެވެ. އެ ބައްދަލު ކުރެއްވުން އޮތީ އަންމާންގައި ވަރަށް ސިއްރިއްޔާތުގަ އެވެ.

ޚަބަރުތައް ބުނާ ގޮތުން އިޒްރޭލުގެ ބޭނުންމަކީ އެގައުމާއެކު ގުޅުން ބަދަހިކުރަން ޝައުގުވެރިވާ އަރަބި ގައުމުތަކާ ގުޅުން ބަދަހި ކުރުމެވެ. އަދި އިޒްރޭލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔެ ބަލައިގަނެ އިހުތިރާމް ލިބިގެންވާ ބަޔަކަށް ހެދިގަތުމެވެ.

އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވިއިރު މެދުއިރުމަތީ ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހިކުރަން އަބްރަހަމް އެކޯޑްގެ ނަމުގައި މަޝްރޫރެއް ހިންގެވި އެވެ. އަދި އިޒްރޭލާ އެކު ބައެއް ގައުމުތަކުން ގުޅުން ބަދަހިކުރި އެވެ.

އަބްރަހަމް އެކޯޑްގައި ބައިވެރިވެ އިޒްރޭލާ ގުޅުން ދަމަހައްޓާ އަރަބި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސޫދާން، މޮރޮކޯ އާއި ބަހްރެއިން އަދި އޮމާން ހިމެނެ އެވެ.