ހަބަރު

އެލްޖީއޭގެ މެންބަރު ޝުޖާ ސަސްޕެންޑްކޮށް މެންބަރު ކަމުން ވަކި ކުރަން ނިންމައިފި

Jan 19, 2015

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) މެންބަރު ޝުޖާއު ހުސައިން މިއަދުން ފެށިގެން މަޖިލީހުގެ ތަޅުމުން ގޮތެއް ނިމެންދެން ސަސްޕެންޑްކޮށް އޭނާ މަގާމުން ވަކި ކުރުމާ މެދު ގޮތެއް ނިންމަން އެ މައްސަލަ ތަޅުމަށް ފޮނުވަން ނިންމައިފި އެވެ.

އެލްޖީއޭގެ ބޯޑްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ޝުޖާއު މެމްބަރު ކަމުން ވަކި ކުރުމަށާއި އޭނާގެ މައްސަލައިގައި ގޮތެއް ނިންމެންދެން މިއަދު ފެށިގެން ސަސްޕެންޑް ކުރުމަށް ނިންމީ އޭނާގެ މައްސަލައަށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީންގެ ބައްދަލުވުމުގަ އެވެ. އެ ފިޔަވަޅު އަޅަން ޕީޕީއެމްގެ ފަސް މެމްބަރަކު މިއަދު ވޯޓް ދެއްވި އެވެ. ހާޒިރުވީ އަށް މެންބަރުންނެވެ.

މަޖިލިސް މެންބަރު އިބްރާހިމް ރިޒާ ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގައި ޝުޖާއުގެ މައްސަލަ ބެލީ ޝުޖާއުގެ ސުލޫކީ މައްސަލަތައް އެލްޖީއޭއިން މަޖިލީހަށް ފޮނުވައިގެނެވެ.

އާންމުންގެ ފަރާތުން އެލްޖީއޭއަށް އައްޔަންކޮށްފައިވާ އަދި މަގާމުގެ ދައުރެއްވެސް ކަނޑައަޅާފައި ނެތް މި މެންބަރު ވަކި ކުރަން ނިންމި އިރު މިދިއަ ހަފުތާގެ ތެރޭގައި އެލްޖީއޭގެ ރައީސް މުހައްމަދު ނާޒިމް މަގާމުން ވަކިވެއްޖެ ކަމަށް ބުނެ ނޫސްކޮންފަރެންސެއް ބޭއްވުމުގައި އިސްކޮށް ހުންނެވީ ޝުޖާއެވެ. އަދި އޭނާ ވަނީ އޭނާ އަކީ އެލްޖީއޭގެ ރައީސް ކަމަށް ވެސް އިއުލާން ކޮށްފައެވެ.