ޔުކްރޭންގެ އަސްކަރީ ފައުޖުތަކުން ކްރައިމިއާ ބޯޑަރުގައި ފަރިތަކުރުންތަކެއް ފަށައިފި އެވެ. މިއީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު މަސްލަހަތު ގެއްލިފައި އޮތް ވަގުތެއްގައި އަދި ކަންތައް އެއަށް ވުރެ ގޯސްވެދާނެ ހަރަކާތެކެވެ.
ކްރައިމިއާ އަކީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ޔުކްރޭންގެ ބައެކެވެ. އެހެން ނަމަވެސް 2014 އިން ފެށިގެން ބާރު ހިންގަނީ ރަޝިއާ އެވެ. ރަޝިއާއިން ކްރައިމިއާއަށް އަރައިގަނެ ހިފަން ޖެހުނީ ވެސް ނޭޓޯގެ ސަބަބުންނެެވެ.
ޔުކްރޭން ސިފައިން ކްރައިމިއާއާ އެހާ ގާތުގައި އަސްކަރީ ފަރިތަކުންތަކެއް ހިންގުމުގައި އޮތް ހަމައެކަނި ބޭނުމަކީ ރަޝިއާ އަތުން ކްރައިމިއާ އަތުލުމެވެ.
ރަޝިއާ ސިފައިން ޔުކްރޭން ބޯޑަރާ ވަރަށް ގާތުގައި އެކަމަކު ރަޝިއާގެ ބިމުގައި 10،000 ސިފައިންނާ އެކު އަސްކަރީ ފަރިތަކުރުންތަކެއް ވަނީ ފަށާފަ އެވެ. މިއީ އެމެރިކާ އާއި ޔޫރަޕުން ބުނާ ގޮތުން ޔުކްރޭނަށް އަރައިގަތުމަށް ރަޝިއާ ހިންގާ ހަރަކާތެކެވެ.
ޔުކްރޭންގެ މައްްސަލާގައި އެމެރިކާ އާއި ޔޫރަޕުން ތިބީ ރަޝިއާ ދެކެ ވަރަށް ރުޅިއައިސްފަ އެވެ. ނޭޓޯ މެމްބަރު ގައުމެއް ގޮތުގައި ޔުކްރޭން ހެދުމަކީ ވެސް، އެސަަރަހައްދުގައި ތިބުމަށް ޔޫރަޕް ގައުމުތަކާށް ދައްކަން އޮތް ބަހަނާއެކެވެ.
އެހެން ނަމަވެސް، ރަޝިއާ ތަކުރާރުކޮށް ބުނަމުން ގެންދަނީ ނޭޓޯ މެމްބަރުކަން ޔުކްރޭނަށް ދީގެން ނުވާނެ ކަމަށާއި ރަޝިއާއާ އެހާ ގާތުގައި ނޭޓޯ ސިފައިން ތިބެގެން ނުވާނެ ކަމަށެވެ.
ރަޝިއާގެ މިބުނުމަށް އެމެރިކާ އާއި ޔޫރަޕް ދެކޮޅެވެ. އެމީހުން ބުނާ ގޮތުން ނޭޓޯ މެމްބަރަކަށް ވުމަށް ގައުމުތަކަށް އޮތް ފުރުސަތު ބަންދެއް ނުކުރާނެ އެވެ. އަދި އެބަޔަކު ގުޅޭނެ ސަލާމަތީ އޮނިގަނޑެއް ކަނޑައެޅުމަކީ އެބައެއްގެ ކަމެކެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯ އަޑީގައި އޮވެގެން ޔުކްރޭންގެ ވެރިންގެ ބޮލަށް ހުތްއަޅައި ކުރުވަން އުޅޭ ކަމެއްގެ އާޚިރު ނަތީޖާ ހެޔޮނުވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި އެވެ.
އެހެން ނަމަވެސް. އެމެރިކާ އާއި އިޚްލާސްތެރި ބާރުތަކުން ޔުކްރޭނަށް ދެމުންގެންދާ އެހީތަކުގެ ސަބަބުން ޔުކްރޭން މިހާރު އޮތީ ދެބަހޭގަ އެވެ.