ދުނިޔެ

"ހިފަހައްޓާފައި ހުރި އަފްޣާން ފައިސާތައް ދޫކޮށްލަން ޖެހޭ"

އަފްޣާނިސްތާނަށް ދިމާވެފައި އޮތް އިންސާނީ ކާރިސާތަކުން އަރައިގަތުމަށްޓައި ނުފޫޒުގަދަ ގައުމުތަކުން ހިފަހައްޓާފައި ހުރި ފައިސާތައް ދޫކޮށްލަން ޖެހޭ ކަމަށް އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ.

ތާލިބާނުން އަފްޣާނިސްތާނަށް އަރައި އެގައުމުގައި އޮތް މަދަނީ ސަރުކާރު ވައްޓާލުމާ ގުޅިގެން ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ވަނީ އަފްޣާނަށް ލިބެން ހުރި ފައިސާތައް ހިފަހައްޓާފަ އެވެ.

އަނެއްކޮޅުން އަފްޣާންގެ މަރުކަޒީ ބޭންކަން ރިޒާވްގެ ގޮތުގައި ވަންނަން ޖެހޭ އެތައް މިލިއަން ޑޮލަރެއް އެމެރިކާއިން ވެސް ވަނީ ހިފަހައްޓާފަ އެވެ.

ސެކްރެޓަރީ ޖެނެރަަލް ވިދާޅުވި ގޮތުން އަފްޣާންގެ މަރުކަޒީ ބޭންކް ރަނގަޅަށް ހިނގައިގެން ނޫން ގޮތަކަށް ވެއްޓިފައި އޮތް އިގުތިސޯދީ ވަޅުގަނޑުން އަރައި ނުގަނެވޭނެ އެވެ.

އެންޓޯނިއޯ ގުޓަރެސް ވިދާޅުވި ގޮތުގައި އަފްޣާނަށް ވަމުންދާ ގޮތް ދުނިޔެއަށް މިހާރު އެބަ ފެނެ އެވެ. އޭނާ ވިދާޅުވީ ކުރިމަތީގައި އޮތް ސުވާލަކީ މިހާރު އޮތް ގޮތަށް އޮންނަން އަފްޣާން ދޫކޮށްލާނީތޯ ނޫން ނަމަ ހިފަހައްޓާފައި ހުރި އެގައުމުގެ ފައިސާތައް ދޫކޮށްލައި ވެއްޓިފައި އޮތް ވަޅުގަނޑުން އަރައިގަތުމަށް އެހިވާނީތޯ އެވެ.

އަފްޣާނިސްތާނަށް ލިބެން ހުރި ފައިސާ އެންމެ ގިއިން ހިފަހައްޓާފައި ވަނީ އެމެރިކާއިންނެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ލާރިކޮޅެއް ދީފައި އެންމެ ގިނައިން އަފްޣާނަށް އެހީވަނީ އެމެރިކާ ކަމަށް ޚަބަރުތަކަށް ބުނެ އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ތާލިބާނުން ވެސް ހާލަތު ބަދަލުކުރަން މަސައްކަތް ކުރަން ޖެހެ އެވެ. ދައްކާ ވާހަކަ އަމަލުން ވެސް ދައްކަން ޖެހެ އެވެ.

ގައުމުގެ ހާލަތު ބަދަލުކުރުމަށް އެންމެން ހިއްސާވާ ސަރުކާރެއް އެކުލަވާލުމާއި އަންހެނުންނަށް ކިޔެވުމާއި އުނގެނެވޭނެ ގޮތް ތަނަވަސްކޮށްދޭން ޖެހެ އެވެ.

އަފްޣާން މިހާރު އޮތް ގޮތަށް ދޫކޮށްލައިފި ނަމަ ރެފިއުޖީންނަށް ކާންބޯންދޭން ބޭނުންވާ ފައިސާ ހޯދާނެ ތަނެެއް އެނގިވަޑައި ނުގަންނަވާ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.