ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިލަފުށި ކުނި މެނޭޖުކުރުމުގެ މަސައްކަތް ރައީސް ބައްލައްވާލައްވައިފި

Jan 14, 2022

ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފި އެވެ.

ރައީސް ސޯލިހް އިއްޔެ ތިލަފުށްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެެވެ.

ރައީސް ތިލަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދާއި އެމްޓީސީސީގެ ސީއީއޯ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރާތް ކުރައްވާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމުގެ އިތުރަށް މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ތިލަފުށީގައި ފެށީ މިދިޔ ޑިސެމްބަރު 15 ގައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އާ ބަނދަރެއް ހެދުމާއި މާލެއާއި، ވިލިމާލެ އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމާއި ގްރޭޓަރ މާލޭ ސަރަހައްދާއި، ކ، އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކުރުމާއި މަރާމާތުކުރުން ހިމެނެ އެވެ.

މީގެއިތުރުން ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި ތިލަފުށްޓަށް ގެންދާ ކުނި ކިރައި, ބައިބައި ވަކިކޮށް ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުންވެސް ހިމެނެ އެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ކުނިން ހަކަތައް އުފެއްދުމަށް ވޭސްޓު އެނާޖީ ޕްލާންޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށާއި އޮޕަރޭޓް ކުރުމަށް ސްޕެއިންގެ މަޝްހޫރު އުރްބާސާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕްލާންޓް ގާއިމުކޮށް ހިދުމަތް ދޭން ފެށުމާ އެކު ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. ސަރުކާރުގެ ދުރު މުސްތަގުބަލްގެ ޕްލޭނަކީ ތިލަފުށީގައި އުފައްދާ ކަރަންޓް މާލޭގެ މައި ކަރަންޓް ވިއުގައަށް ގުޅާލުމެވެ.

ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ބޮޑު މަޝްރޫއު ފެށުމާއެކު ތިލަފުށީގައި ކުރިން ހުރި ބޮޑެތި ކުނިގޮނޑުތައް އެކީ ހުސްކޮށްލައި އެރަށުގައި ކުނި އަންދާތީ އަރަމުން ދިޔަ ދުންގަނޑުގެ މައްސަލަ ވެސް ވަނީ ހައްލުކޮށްފަ އެވެ. ކުނި މެނޭޖްކުރުމުގެ މި މަޝްރޫއު 2023 ވަނަ އަހަރު ނިމުމުން ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.