ދިހަ ކުޅުން ތެރިންނާއެކު ކުޅެ އާސެނަލް އިން ވަރުގަދަ ލިވަޕޫލް ހިފަހައްޓައިފި އެވެ.
ސީޒަން ފެށުނުއިރު ބަލިކަށިކޮށް އޮތް އާސެނަލް އިން ވަރުގަދަ ލިވަޕޫލާއި ވާދަ ކުރި އިނގެރޭސި ލީގުކަޕް ނުވަތަ ކަރަބޯކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި 0-0 އެއްވަރު ވުމާއެކު އާސެނަލުން ފައިނަލަށް ދިޔުމަށް އިތުރު ދޮރެއް ހުޅުވާފައެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިއޭގޯ ޖޮޓާ އަށް ކުރި ފައުލަކާ ގުޅިގެން އާސެނަލްގެ ގްރައިންޓް ޒަކާ އަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން ރޭ އާސެނަލް މެޗުގެ ބާކީ އޮތް ބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއި އެކުގައެވެ.
މެޗު ފެށިގެން ފުރަތަމަ 15 މިނެޓުގައި ލިވަޕޫލުން ވަނީ މެޗު ވަރަށް ބޮޑަށް ޑޮމިނޭޓު ކޮށްފައެވެ. އެގޮތުން ގާތް ގާތުގައި އެޓީމުން ވަނީ ފަސް ހަމަލާ އުފައްދާފައެވެ. އެއާއެކު އާސެނަލް އިން އައީ މަޑުމަޑުން ފޯމަކަށް އެޅެމުންނެވެ. މެޗުގެ 40 މިނެޓު ހަމަވާން ކާރިވެފައި ވަނިކޮށް އެޓީމުން ވަނީ މެޗު އެޓީމުގެ ބާރުގެ ދަށަށް ގެނެސް ފައެވެ.
ދެވަނަ ހާފުގައި ލިވަޕޫލް މެޗު އަނެއްކާވެސް ޑޮމިނޭޓް ކުރިއެވެ. މެޗުގައި އާސެނަލް ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ފަހަތައް ފައިބައިގެންނެވެ. މެޗުގައި ލިވަޕޫލައް ލިބުނު އެންމެ ހުސް ފުރުސަތު 89 ވަނަ މިނެޓުގައި ލިބިގެން ޓަކޫމީ މިނަމީނޯ އަށެވެ. ނަމަވެސް އޭނާ އެ ބޯޅަ ފޮނުވާލީ މާބޮޑަށް ވެސް މަތިންނެވެ.
ރޭގެ މެޗުގައި ލިވަޕޫލް ކުޅެފައިވަނީ އެފްރިކަން ކަޕްގައި ކުޅުމަށް އެޓީމުގެ އެންމެ މުހިންމު ދެ ކުޅުން ތެރިން ކަމުގައި ވާ މުހަންމަދު ސަލާހު އަދި ސާދިއޯ މާނޭ ދޫކުރަން ޖެހުމުން އެ ދެކުޅުންތެރިންނާވެސް ނުލައެވެ.
މި ދެޓީމު ކުޅޭ ސެމީގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ.