ރައީސް އަބްދުﷲ ޔާމީން

ގޭގޭގެ ފާރުތަކުގައި އިންޑިއާ އައުޓް ޖަހަން ރައީސް ޔާމީން ގޮވާލައްވައިފި

ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖަހަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ރައީސް ޔާމީން މިފަދައިން ގޮވާލެއްވީ ށ. ފުނަދޫ ރައްޔިތުން މިއަދު ހަވީރު އެރަށުގައި އިންތިޒާމުކުރި އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެލައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ފުނަދޫގެ ރައްޔިތުން މިއަދު ހިންގި އިންޑިއާ އައުޓް ކެމްޕޭނަށް ތައުރީފްކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޝޫއޫރުތައް ފުނަދޫން އެނގިގެން ހިނގައްޖެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން މި ދައްކާ މަންޒަރު ފެންނަން ޖެހޭ ކަމަށާއި އަދި މި އަޑު އަޑުއިވެން ޖެހޭ ކަމަށެވެ. އަދި މިއީ ރައީސް ޔާމީންގެ ޖިހާދެއް ނޫން ކަމަށާއި މިއީ ރައްޔިތުންގެ ޖިހާދެއް ކަމަށެެވެ. އެހެންކަމުން މި މަންޒަރު ހުރިހާ ރަަށަކުން ވެސް ފެންނަން ޖެހޭ ކަމަށެވެ.

އެގޮތުން އިންޑިއާ އައުޓްގެ މި ހަރަކާތް އެ ރަށެއްގައި ކުރެވޭ ފެންވަރަުން ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

"މިރަށުގައި އަޅުގަނޑު ހަމަ ވަރަށް އުފާވާނެ މިއަދު ތި ދައްކުވައިދިން މަންޒަރު، ހަމަ ޓީޝާޓުގައި ޖަހާފައި ހުރި އެއްޗެހި ގޭގޭގެ ފާރުގައި ޖަހާލަންވީ ނޫންތޯ. އެއީ އަޅުގަނޑުމެންގެ ހިތުގެ އެތެރޭގެ ޝުއޫރު. އަޅުގަނޑުމެން މިތިބީ މި މަސައްކަތުން ފެޔަށް ޖެހި ގެއަށް ވަންނާކަށެއް ނޫން. އެހެންވީމާ މި އަޒުމުގައި މަސައްކަތް ކުރައްވާށޭ. ތިބޭފުޅުން ގިނިކަންޏާއެއް ނޫނޭ ތިބީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަކީ ރާއްޖޭގެ ރަހުމަތްތެރިން ކަމަށާއި މައްސަލައަކީ އިންޑިއާގެ ސަރުކާރު ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރުން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަންނަމުންދާ ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ނުފޫޒު ނުފޯރުވާ އެއްވެސް ދާއިރާއެއް މިހާރު ރާއްޖޭގައި ނެތް ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުން ކުރާ ކޯލްތަކުގެ ތެރެއިން އަޑު ނާހަނީ ކޮން ކޯލެއްކަން ވެސް ނޭނގޭހާ ދަރަޖައަށް ހިނގައްޖެ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ހަތެއް ފެބްރުއަރީގެ އަމުރު ނެރުމުގެ ފަހަތުގައި ވެސް އޮތީ އިންޑިއާ ކަމަށެވެ. އަދި އެ އަމުރު އެމަނިކުފާނު ވެރިކަމުގައި ތަންފީޒު ނުކުރުމުން އިންޑިއާއިން އެތައް ފަހަރު ސިޓީވެސް ފޮނުވި ކަމަށެވެ.

"އެ އަމުުރު ތަންފީޒު ނުކޮށްގެން އިންޑިއާއަށް އުނދަގޫވަނީ ކީއްވެގެންތޯ. މިއީ ފަހެ އިންޑިއާގެ އަވަށަކީތަ. އެ އަމުރު ތަންފީޒުނުކޮށްގެން އިންޑިއާއިން އެހާވަރަށް ބެހެނީ. އަޅުގަނޑުމެންގެ ދާހިލީ ކަންކަމާ ބެހެން އެމެރިކާއަށް ވެސް ޖާގަ ނުދެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ސަރުކާރަށް މިހާރު ރައްޔިތުންގެ ތާއިދު ގެއްލިފައިވާ ކަމަށާއި އަދި އިންޑިއާގެ ކިތަަންމެ ބަޔަކު ރަށްރަށަށް ގޮވައިގެން ދިޔަޔަސް އެކަން ސަރުކާރަށް ފެންނާނެ ކަމަށެވެ. އެހެންކަމުން އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ޖެހޭ ކަމަށެވެ.