ބ. އަތޮޅުގައި ދެން އިތުރު އެއްވެސް ރިސޯޓެއް ނަހަދަން ގޮވާލައި ބ. އަތޮޅު ކައުންސިލްއިން ގަރާރެއް ފާސްކޮށްފި އެވެ.
ބ. އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 14 މެމްބަރުންގެ ތެރެއިން ނުވަ ކައުންސިލަރުން ސޮއިކުރައްވައި މި ގަރާރު ފާސްކުރީ އިއްޔެ އެވެ.
މި ގަރާރުގައި ބުނެފައިވާ ގޮތުގައި ރިސޯޓް ހަދަން ދޫކޮށްފައިވާ އެއްވެސް ރަށެއްގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ހުއްދަ ނުނަގައި ބައެއް ރިސޯޓްތަކުން ފިނޮޅުތަކުން މާލީ މަންފާ ހޯދަމުންދެއެވެ.
މީގެ އިތުރުން ވަރުވާއަށް ދޫކޮށްފައިވާ ބައެއް ރަށްރަށް ކުނި އަޅައި ފުރާލުމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުންނުކުރާކަން ވެސް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން މި ކަންކަމަށް ރިއާޔަތްކޮށް ބ. އަތޮޅުގައި ދެން އިތުރު އެއްވެސް ރިސޯޓެއް ނެހެދުމަށާއި އަދި ރިސޯޓެއް ހަދާނަމަ ކައުންސިލްގެ ހުއްދަހޯދަން ޖެހޭ ގޮތަށް ހަދަން ގަރާރު ފާސްކުރި އެވެ.
މީގެ އިތުރުން ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް އަތޮޅު ކައުންސިލްގެ މައްޗަށް ބަދަލުކޮށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް މޮނީޓާކުރެވޭނެ ދައުރެއް އަތޮޅު ކައުންސިލަށް ހަވާލުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އަދި ރަށްރަށުގެ އިހުތިސާސްގެ ތެރެއަށް ނުވަދެ ހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި ފަޅުތައް ބަލަހައްޓަން ހަވާލުކޮށް ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާ މެދު ފިޔަވަޅު އަޅަން ވެސް ފާސްކުރި އެވެ.
ބ. އަތޮޅުގައި މިހާރުވެސް 18 ރިސޯޓް ހިންގަމުންދާ އިރު ތިން ރަށެއް ރިސޯޓް ހަދަން ވެސް އޮތީ ދޫކޮށްފަ އެވެ.