ކޮމަންޑޫ

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި

ށ. ކޮމަންޑޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫގެ ބިން ހިއްކައިގެން ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު ކޮމަންޑޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިކިނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އަވަސްއަށް ވިދާޅުވީ ހިއްކާ ސަރަހައްދުގައި ބަންދު ޖެހުމުގެ މަސައްކަތް މާދަމާ ފަށައި ހިއްކުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮމަންޑޫ ގުޅާލުމުުގެ މަސައްކަތް ކުރަނީ އެމްޓީސީސީއިން އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ބުދަ ދުވަހު އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށް 249.9 މިލިއަން ރުފިޔާ އަށެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތައް

  • ށ. ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކިޝަން މަސައްކަތް ކުރުން
  • 16.7 ހެކްޓަރު ބިން މަތިކޮމަންޑޫގައި ހިއްކުން
  • 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮށި، ޖުމްލަ 353 މީޓަރުގެ ބޮޑު ހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުން
  • 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުން
  • މިމަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ތައްޔާރުކުރުން

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން
ލޯންޗުކުރުމަށް މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ މިމަޝްރޫއުގެ މަސައްކަތް ރައީސް ސޯލިހް އިއުލާން ކުރެއްވީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތުކުރަމުންނެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ އިތުރުން ކޮމަންޑޫގައި ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމުގެ އަމަލީ މަސައްކަތް ޔޫތު މިިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ފައްޓަވައިދެއްވައިފަ އެވެ.