ފައްޔާޒް އިސްމާއީލް

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތް ކުރޭ: ފައްޔާޒު

Jan 14, 2022
6

ށ. ކޮމަންޑޫ އާއި އެރަށު ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ތުހުމަތުކުރައްވައިފި އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަޝްރޫއު މިއަދު ފައްޓަވައިދެއްވުމަށްފަހު ކޮމަންޑޫގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައި ފައްޔާޒު ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވަން މަސައްކަތް ކުރަނީ ރައްޔިތުންނަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްދެމުންދާތީ މިސަރުކާރަށް ކަމެއް ނުކުރެވޭކަން ރައްޔިތުންނަށް ވިސްނައިދިނުމަށް ކަމަށެވެ. މިވެރިކަމުގެ ތެރޭގައި ސަރުކާރުގެ ވައުދުތައް ހުރިހާ ރަށަކަށް ވެސް ފުއްދައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމަކަށް ބަޔަކު މަސައްކަތް ކުރޭ އޭސީސީއަށް [ކޮމަންޑޫ] މައްސަލަ ލައިގެން ހުއްޓުވުމަށް. އެއީ ސަރުކާރަށް ކަމެއް ނުވާކަން ދެއްކުމަށް. ވިސްނާ ބަޔަކަށް މިވާ ގޮތް އެނގިވަޑައިގަންނަވާނެ،" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ 19 ވަނަ ގަރުނުގެ ތެރޭގައި ކަމަށެވެ. އެހެންވެ މިސަރުކާރުން މަސައްކަތް ފެށީ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދައިދިނުމަށް ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްޓަކައި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެެވެ.

ސަރުކާރުގެ ކުރިމަތީގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ ވެރިކަމުގެ މިދައުރުގައި ރައްޔތުންނަށް ކޮންމެހެން ބޭނުންވާ ކަންކަން ހުރިހާ ރަށެއްގައިވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުން ކޮމަންޑޫ ރައްޔިތުންގެ އިތުރުން ށ. އަތޮޅަށް ވެސް ލިބޭނެ ފައިދާތަކެއް ހުންނާނެ ކަމަށެވެ. ކޮމަންޑޫގައި މިހާރު 21 ހެކްޓަރުގެ ބިން އޮތް ނަމަވެސް ދެ ކޮމަންޑޫ ގުޅާލުމުން 25 ހެކްޓަރު އިތުރުވެގެންދާނެ ކަމަށާއި ބިން އިތުރުވުމުން ކޮމަންޑޫ ރައްޔިތުންނަށް އެމީހުންގެ ވަޒަނުގައި ހަމަޖެހިގެން އުޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެެވެ.

"މިއީ ހަމައެކަނި ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އެކަނި ކުރެވޭ ކަމެއް ނޫން. މިކަމުގެ ސަބަބުން އެތައް ގޮތަކުން ރައްޔިތުންނަށް ފައިދާވާނެ. ހާއްސަކޮށް އިގްތިސޯދީ ހަރަކާތްތައް ފެށުމަށް ފުރުސަތު ލިބިގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވެރިކަން ކޮށްދެނީ ހެޔޮވެރިކަމެއްގެ ގޮތުގައި ކަމަށެވެ. ކުރީގައި ރާއްޖޭގައި ވެރިކަން ކުރި ހުދުމުހުތާރު ވެރިން ވަނީ އެމީހުން ބޭނުން އިރަކު ބޭނުން ގޮތަކަށް ގާނޫނުތައް ބަދަލުކޮށްފައި ކަމަށާއި ނަމަވެސް މިސަރުކާރުން ދައުލަތުގެ އިދާރާތައް މުށުތެރެއަށް ލައިގެން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސަައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށް 249.9 މިލިއަން ރުފިޔާ އަށެވެ. ދެކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރެއްވީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ފެށުމަށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އިންތިހާބާ ދިމާކޮށް ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ސަރުކާރުން އިއުލާންކުރީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ވާދަވެރި ޕާޓީ ތަކުން ދަނީ ބުނަމުންނެވެ.