ހަބަރު

ރާއްޖެ-އީޔޫގެ ގުޅުން ހީނަރުވެދާނެ ކަމުގެ ބިރު ބޮޑުވެފައި

ރާއްޖެއާ ޔޫރަޕިއަން ޔޫނިއަންގެ ގުޅުން މުޅިން ވަރުގަދަ ނުވަނީސް، ސަރުކާރާ ދެކޮޅަށް އީޔޫގެ ޕާލިމެންޓަށް ގަރާރެއް ހުށަހެޅުމަކީ، ދެފަރާތުގެ ދެމެދުގައި މިހާރު އޮތް ގުޅުމަށް ހީނަރުކަން އައިސްދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޔޫރަޕިއަން ޔޫނިއަން ޕާލަމަންޓްގައި ހިމެނޭ ޔޫރަޕިއަން ކޮންސަވެޓިވްސް އެންޑް ރިފޯމިސްޓްސް ޕާޓީގެ މެމްބަރުންނާއި ކްރިސްޓިއަން ޑިމޮކްރެޓުންގެ މެމްބަރުން ގުޅިގެން ތައްޔާރުކޮށް، އީޔޫ މަޖިލީހަށް މިއަދު ހުށަހަޅަން ނިންމާފައިވާ އެ ގަރާރަކީ، ސަރުކާރާ ގުޅުން އޮންނަ އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ ބައެއް މީހުންގެ ބޭރުގެ މުދާ ހިފަހައްޓަން މެމްބަރު ގައުމުތަކަށް ގޮވާލާ ގަރާރެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ދުންޔާ ވިދާޅުވީ، ރާއްޖެއާ އީޔޫއާ ދެމެދު އޮތް ގާތް ގުޅުމެއްގެ ތެރެއިން މި ފަހުންވެސް ވަރަށް ކާމިޔާބު ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދާދި ފަހުން ބޭއްވި ކޮޕް21 ގެ ބައްދަލުވުމުގައި ވެސް ރާއްޖެއިން އީޔޫއާ ގުޅިގެން ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައި ވާ ކަމަށާއި، މިފަދަ ވަގުތެއްގައި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލާ ގަރާރެއް އީޔޫ ޕާލިމެންޓަށް ހުށަހެޅުމަކީ، ރާއްޖެ-އީޔޫގެ ގުޅުމަށް ހީނަރުކަން އައިސްދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"މިފަދަ ދަނޑިވަޅެއްގައި އީޔޫގެ ޕާލިމެންޓަށް ގަރާރެއް ހުށަހެޅުމަކީ އޭގެ ސަބަބުން ރާއްޖެއާ އީޔޫއާ ދެމެދު އޮތް ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމެއް، ސަރުކާރުން އެއާ މެދު ނުހަނު ކަންބޮޑުވާ ކަމެއްވެސް މެ،" މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އެ ގަރާރާ ގުޅިގެން ދުނިޔޭގެ ބާރުގަދަ ގައުމުތަކުން މަސައްކަތް ކުރާތީ އެކަމާ ކަންބޮޑު ވާ ކަމަށެވެ. އެހެން ނަމަވެސް ދިމާވެދާނެ ކަމަކުން ރާއްޖެ ސަލާމަތް ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ޔޫރަޕިއަން ކޮންސަވެޓިވްސް އެންޑް ރިފޯމިސްޓްސް ޕާޓީގެ މެމްބަރުންނާއި ކްރިސްޓިއަން ޑިމޮކްރެޓުންގެ މެމްބަރުން ގުޅިގެން ތައްޔާރުކޮށްފައިވާ ގަރާރުގައި ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ ސަބަބުގެ ގޮތުގައި މައިގަނޑު ހަތަރު ކަމެއް ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާފައިވާ މައްސަލަ އާއި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ނިންމަން އުޅުމާއި، ރާއްޖޭގެ ޝަރުއީ ނިޒާމަށް އިސްލާހު އައިސްފައި ނުވުމާއި ސިޔާސީ އިދިކޮޅު ފަރާތްތައް ހިމޭންކުރަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ ފާހަގަކޮށްފައިވެ އެވެ.

އެ ގަރާރު މިއަދުގެ ވަގުތެއްގައި ޔޫރަޕިއަން ޔޫނިއަން ޕާލިމެންޓަށް ހުށަހަޅާނެ އެވެ. އަދި ވޯޓު ނެގުންވެސް އޮންނާނީ މިއަދު އެވެ.