ޔުކްރޭނަށާއި ޖޯޖިއާއަށް ނޭޓޯ މެމްބަރުކަން ދޭން އެ ޖަމާއަތުން އޮތީ ނިންމާފައި ކަމަށް ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މެންބަރުކަން އިއުލާން ކުރެވޭނެ ދުވަހެއް އަދި ކަށަވަރު ނުވި ނަމަވެސް އެކަން އޮތީ ހަމަޖެހިފައި ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލް އިޓަލީ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުން ޔުކްރޭނާއި ޖޯނިއާއަށް ނޭޓޯ މެމްބަރުކަން ދިނުމާބެހޭ ގޮތުން މަޝްވަރާ ކުރެވޭތާ ޒަމާންތަކެއް ވެއްޖެ އެވެ. އޭނާ ވިދާޅުވީ އެ ދެ ގައުމަށް މެމްބަރުކަން ދިނުމަށް 2008 ގައި ވެސް އޮތީ ނިންމާފައި ކަމަށެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު އުފެއްދިފައި އޮތް ނުތަނަވަސްކަމުގެ އަސްލަކީ ވެސް ނޭޓޯ އެވެ. ރަޝިއާ ބުނާ ގޮތުން ނޭޓޯ ގައުމަކަށް ޔުކްރޭނާއި ޖޯޖިއާ ހެދުމަކީ ރަޝިއާގެ ރައްކާތެރި ކަމަށާއި ސިޔާދަތަށް ބުރޫ އަރާނެ ކަމެކެވެ.
ނޭޓޯ ސިފައިން ޔުކްރޭންގައި ތިބުމަކީ ރަޝިއާއަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެކަން އެގޮތަށް ނުކުރުމަށް ރަޝިއާއިން އޮތީ ނޭޓޯއަށް ގޮވާލާފަ އެވެ.
އެހެން ނަމަވެސް، ނޭޓޯ ބުނާ ގޮތުން އެ ޖަމާއަތް އުފެއްދުމުގެ އަސްލަކީ ވެސް މެމްބަރު ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އަދި ޝަރުތު ފުރިހަމަވާ ކޮންމެ ގައުމަކުން ވެސް ނޭޓޯގައި ބައިވެރިވާންވީ އެވެ.
ނޭޓޯއިން ދަމަހައްޓަމުން ގެންދާ "އޯޕަން ޑޯ" ސިޔާސަތަކީ ރަޝިއާ ބުނި ނަމަވެސް އުވާލާނެ ސިޔާސަތެއް ނޫން ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
ރަޝިއާ އާއި ނޭޓޯއާ ދެމެދު ކުރެވުނު މަޝްވަރާތައް ވެސް ވަނީ މި ސިޔާސަތާ ހެދި ފޭލިވެފަ އެވެ. ރަޝިއާއަށް މިހާރު އޮތީ އިޚްތިޔާރުކުރަން ވަރަށް އުނދަގޫ ދެ ގޮތެކެވެ. އެއީ ޔުކްރޭން ނޯޓޯ މެމްބަރަކަށް ވާން ދޫކޮށްލުމެވެ. ނުވަޔަ ޔުކްރޭނަށާއި އެ ގައުމުގައި ތިބި ނޭޓޯގެ އަސްކަރީ ފައުޖުތަކަށް ހަމާދީ ފައްސާލުމެވެ.
ރަޝިއާއަށް މިއިން އެއްވެސް ގޮތެއް ފަސޭހައެއް ނުވާނެ އެވެ. ސަބަބަކީ ރަޝިއާއަށް ހަމަލާދޭން އެމެރިކާ އާއި މުޅި ޔޫރަޕް ޔުކްރޭނަށް ޖަމާވެފައި އޮތުމެވެ.