ވިޔަފާރި

ފެލިދޫގައި ބީއެމްއެލްގެ މުޅިން ތަފާތު ބްރާންޗެއް ހުޅުވަނީ

ވ. ފެލިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް އަންނަ ޖެނުއަރީ މަހު ހުޅުވާނެކަން މިއަދު ބޭންކުން އިއުލާންކޮށްފި އެވެ. ބޭންކުން ބުނަނީ އެއީ މުޅިން ތަފާތު އެންމެ ޒަމާނީ ވަސީލަތްތައް ހުރި ބްރާންޗަށް ވާނެ ކަމަށެވެ.

ބީއެމްއެލްއިން އަލަށް މި ހުޅުވާ ބްރާންޗަކީ، ކުދި އާބާދީގެ ރަށްތަކަށް ވަރަށް އެކަށީގެންވާ ތަފާތު މޮޑެލްއެއްގެ ދަށުން ހުޅުވާ ބްރާންޗެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެގޮތުން ބްރާންޗްތަކުގައި ހުންނަ ކައުންޓަރުތަކުގެ ބަދަލުގައި އެ ބްރާންޗްގެ ހިދުމަތްތައް ބޮޑަށް ބަރޯސާވެފައި އޮންނާނީ، 24 ގަޑިއިރު ހިދުމަތް ލިވޭ ސެލްފް ސާވިސް އޭޓީއެމް ތަކަށް ކަމަށް އެ ބޭންކުން ބުންޏެވެ. އެ އޭޓީއެމްތަކުން ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްއިން ބުނީ މުވައްޒަފުން މަސައްކަތް ކުރާނީ، އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަމަށެވެ. އެ ހިދުމަތް ލިބޭނީ ބޭންކްގެ ރަސްމީ ގަޑީގަ އެވެ.

"އަޅުގަނޑުމެންގެ ސެލްފް ސާވިސް އޭޓީއެމްތަކަށް މާލޭގައި ދަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބެމުން. އެގޮތުން މިހާތަނަށް 1.5 މިލިޔަން ޓްރާންސެކްޝަންތައް މިފަދަ އޭޓީއެމްތައް މެދުވެރިކޮށް ވަނީ ހަދާފައި. އަޅުގަނޑުމެން ފެލިދޫގައި ހުޅުވާ ބްރާންޗްގައި ބޭނުންކުރާނީ 24 ގަޑިއިރު ހިދުމަތް ލިބޭ މީގެ އޭޓީއެމްތައް،" ބޭންކުން ނެރުނު ބަޔާނެއްގައި ބޭންކް، ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި އެވެ.

މިފަދަ ބްރާންޗަކަށް ލިބޭ ތަރުހީބަށް ބަލައި މީގެ އިތުރު ހަ ބްރާންޗް އަންނަ އަހަރުގެ ތެރޭގައި ހުޅުވާނެ ކަން ވެސް ހީލީ އިއުލާން ކުރެއްވި އެވެ.

ފެލިދޫގައި ބޭންކްގެ 28 ވަނަ ބްރާންޗް ހުޅުވުމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބޭންކުގެ ބްރާންޗެއް ހުންނާނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ފާއިތުވި އަހަރު އައު ބްރާންޗްތައް ހުޅުވުމާއި، ޓެކްނޮލޮޖީ އަޕްގްރޭޑްގެ އިތުރުން މުޖުތަމައުއަށް އެކި ގޮތްގޮތުން އެހީތެރިވުމަށް 150 މިލިޔަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓް ކޮށްފަ އެވެ. ބީއެމްއެލްގެ 27 ބްރާންޗާއި، 70 އޭޓީއެމްއާއި 3200 ޕީއޯއެސް މާޗަންޓުން އަދި 170 ކޭޝް އެޖެންޓުންނާއި ނުވަ ސެލްފް ސާވިސް ބޭންކިން މަރުކަޒުތަކާއި ފަސް ދޯނި ބޭންކިން ޔުނިޓު ވަނީ ގާއިމްކޮށްފަ އެވެ.

ރާއްޖޭގައި އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ސަޕޯޓް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް ރާއްޖެއިން ބޭރަށް ފުޅާކުރުމުގެ ވިސްނުމެއް ގެންގުޅޭކަން ވަރަށް ފަހުން ބޭންކްއިން ވަނީ އާއްމުކޮށްފަ އެވެ. އަދި ހުޅުމާލޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެއް ބިލިޔަން ރުފިޔާގެ ފަންޑެއް މި ހަފްތާގައި ވަނީ އިފްތިތާހުކޮށްފަ އެވެ.