ގދ. ތިނަދޫ

ތިނަދޫ އާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

Jan 15, 2022
1

ގދ ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ އާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި އެވެ.

ތިނަދޫގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ޕޮލިސް އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ތިނަދޫ ތަމްސީލް ކުރާ މަޖިލީހުގެ ދެ މެންބަރުން ކަމުގައި އަބްދުލް މުޣުނީ އާއި އަބްދުﷲ ސަނީފް ވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގައި ތިނަދޫގެ އާ ޕޮލިސް ސްޓޭޝަން އެޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަން މިހާރު ވެސް ހުރި ބިމުގަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ތިނަދޫގައ އެޅުމަށް ހަމަޖެހިފައިވަނީ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭ ޕޮލިސް ސްޓޭޝަނެއް ކަމަށެވެ.

ތިނަދޫގެ އާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ ގއ. އަދި ގދ. އަތޮޅު ހިމެނޭ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރަށެވެ.

ތިނަދޫގައި އާ ޕޮލިސް ސްޓޭޝަނެއް އެޅުމަށް ނިންމާފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން މުޅި ރާއްޖޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފެބްރުއަރީ 8، 2012 ގައި ތިނަދޫ ޕޮލިސް ސްޓޭޝަންގައި ރޯކޮށްލާ އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވަނިކޮށެވެ.

ސަރުކާރުން ގެންދަނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.