ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

(10 ޖެނުއަރީ 2021އާ ގުޅޭ)

"ދެން ބުނެބަލަ! ކީއްވެތަ މާ އުފާވެފަ؟ ދަތްތައް ނީލަން ކީއްތަ؟ ހެހެ،" ރިޝްފާ ހިފައިލީ ސަހުލާގެ އަތުގައެވެ.

"ޖައިޝް އިންނަން އަހައިފި.." ސަހުލާ އިސްދަށަށް ޖަހައިލީ ލުއި ހިނިތުންވުމަކާ އެކުގައެވެ. އެވަގުތު ސަހުލާގެ މޫނު މައްޗަށް އަރައިގެން ދިޔަ ކުލަވަރުން އޭނާ އުފާވެފައި ހުރި މިންވަރު ރިޝްފާއަށް ވަރަށް ރަނގަޅަށް ފެނުނެވެ.

"ދެން.." ރިޝްފާ ލުއިކޮށް ހީނލަމުން ސަހުލާއަށް ބަލަން އިނެވެ.

"ނޭނގެ.." ސަހުލާގެ ތުންފަތުން ހިނިތުންވުން ފިލައި ނުގޮސް ހުއްޓެވެ.

"ހޫމް.. ހޫމް.." ރިޝްފާ މަޑުމަޑުން ސަހުލާގެ ފަލަމަސްގަނޑުގައި ޖަހާލިއެވެ. "އެނގެއްޖެ! ދެން އަވަހަށް އާނއެކޭ ބުނޭ.. މިހާރު ޖައިޝް އެހުރީ ސަހޫ ބޭނުންވާ މީހަކަށް ވެފައެއްނު.." ރިޝްފާ އެހެން ބުނެލުމާ އެކުގައި ސަހުލާ އިސް ނެގިއެވެ. އަދި ބަލައިލީ ރިޝްފާގެ މޫނަށެވެ.

"އާނ! ޖައިޝް މިހާރު އެހުރީ އަހަރެން ބޭނުންވާ ޖައިޝްއަށް ބަދަލުވެފަ.. އެއީ އަހަރެން އަބަދުވެސް ދެކެން ބޭނުންވާ ޖައިޝް އަކީ.." ސަހުލާ ހުރީ އިންތިހާއަށް އުފާވެފައެވެ.

***

ހަވީރުގެ ހިތްގައިމު ވަގުތެވެ. ލުލުއަތާއި ހިޝާމް ހުރީ ގޭގެ ސިޓިންގރޫމްގައެވެ. އެމީހުން ދައްކަމުން ދިޔައީ ދިރިއުޅުމުގެ ތަފާތު ވާހަކަތަކެވެ. އެކި ވާހަކަތައް ދައްކަމުން ދަނިކޮށް ލުލުއަތު މައުލޫ އަޅައިލީ އޭނާ ދައްކަން ބޭނުންވާ ވާހަަކައިގެއެވެ.

"ރިޔާޒަކީ އަސްލު ރަނގަޅު މީހެއް. ހިޝާމް އޭނާގެ މިކޮޅު ގެސްޓު ހައުސްއާ ހަވާލުވާން ވީނު؟ ލިބޭ ފުރުޞަތުގެ ބޭނުންވާނެ ހެޔޮގޮތުގަ ހިފަން. އޭނާ އިތުބާރު ކުރާތީ ދޯ ހިޝާމާ ހަވާލު ކުރަން ބޭނުންވާނީ.. ދެން ހިޝާމް ނޫނެކޭ ބުނަންޏާ އޭނަ ކީކޭ ހީކުރަނީ؟" ލުލުއަތު އޭނާގެ ކަނާ އަތް މަޑުމަޑުން ބާއްވައިލީ ހިޝާމްގެ އުނގުގައެވެ.

"ނޫން ލުލުއަތު. އަހަންނަށް އެތަން ރަނގަޅަށް ހިންގޭނެހެން ހިޔެއް ނުވޭ! ޔަޤީން ނުވާ ކަންކަމުގެ ތެރެއަށް ވަދެގެން ލިބޭނީ ދެރަ. ގެއްލިގެން ދާނީ ދެ ދުނިޔޭގެ ހެޔޮ ރަޙުމަތްތެރިއެއް.. ރިޔާޒަކީ އަހަރެން ވަރަށް ޤަދަރު ކުރާ މީހެއް. އަހަރެން ބޭނުމެއް ނޫން، އަހަންނަށް އެކަމަކަށްޓަކައި ޓައިމް ދެވޭނެ ކަމުގެ ޔަޤީންކަން ނެތް ކަމަކާ ހަވާލު ވާކަށް." ހިޝާމް އެހެން ބުނުމާ އެކުގައި ލުލުއަތުގެ މޫޑް މުޅިން "އޮފް" ވިއެވެ. މިވަގުތަށް އިތުރަށް އެވާހަކަ ދައްކަން ލުލުއަތު ބޭނުމެއް ނުވިއެވެ. ކަންކަމުގައި އަވަސް އަރުވާލުމުން ލިބޭ ލަނޑު ލުލުއަތުގެ ކަރު ބުޑުގައި ކުރިން ވެސް ލާފައި ވާތީއެވެ.

ރޭގަނޑުގެ އަނދިރިކަން މުޅި ދުނިޔެ ވަށާލާފިއެވެ. ސަހުލާ ނިކަން ނަލަވެލައިގެން ތައްޔާރު ވެލީ ޖައިޝްގެ ގެއަށް ދިޔުމަށެވެ. އެތައް ދުވަހަކަށްފަހު، ޖައިޝްގެ އެދުމަށް ސަހުލާ އާނއެކޭ މިފަހަރު ބުނީ ހިތުން ރުހުމުގައެވެ. ޖައިޝްގެ ގާތަށް ދާން ބޭނުން ވެގެންނެވެ. މާޒީގެ ސަފުހާތައް ދެން އަލުން ނުހުޅުވަން ސަހުލާގެ ހިތުގައި އޭނާ އަޒުމް ކަނޑައެޅީ ހުރިހާ ކަމެއް މާތްﷲއަށް ވަކީލުކޮށްލުމަށް ފަހުގައެވެ.

ދޮރުގައި ޓަކި ދިނުމާ އެކުގައި ޖައިޝް ވަރަށް އަވަހަށް ގޮސް ދޮރު ހުޅުވައިލިއެވެ. ބޭރުގައި ހުރި ސަހުލާ ފެނުމާ އެކުގައި ޖައިޝްއަށް ވީ ކުރިން ވެސް އޭނާއަށް ވާ ގޮތެވެ. އެ ރީތިކަން ފެނި ހުއްޓުން އެރީއެވެ. އެ ރީތި "ގްރީން އައިސް"ގެ ޖާދޫގައި ޖެހިގެން ދިޔައީއެެވެ. ބުނަން ވީ ކީކޭ ކަމެއް ނޭނގި ޖައިޝް ހުރީ ބަސް ހުއްޓިފައެވެ. ހީވަނީ ނުފެނި ރައްޓެހިވެގެން އުޅޭ ދެ ލޯބިވެރިން އަލަށް ބައްދަލުވި ހެންނެވެ. ސަހުލާ މޫނުމަތި ބްލަޝްވެގެން ދިޔަ އިރު، އެމީހުންގެ ލޯބީގައި ހިތި މާޒީއެއް އޮތްކަން މުޅި ދުނިޔެއަށް ވެސް ސިއްރުކޮށްލި ފަދައެވެ.

"މައި.. މައި ގްރީން އައިސް.." ޖައިޝްގެ ދޫ ހަރަކާތްކޮށްލީ އޭނާގެ ދޫމަތީ ބަހުންނެވެ. ޖައިޝް އާއި ސަހުލާއަށް ކުއްލިއަކަށް ހުރެފައި ބައްދައިގަނެވުނީ އެކުއެކީގައެވެ. ނިކަން ބާރަށެވެ. ދެން ދުވަހަކު ވެސް ދޫ ނުކުރާނަމޭ ބުނާ ފަދައަކުންނެވެ. އެކަކު އަނެކަކާ ބޮސް ދެމުން، ލޯބިން ބައްދަމުން ދިޔަ އިރު އެދެމީހުން އެކަކު އަނެކަކަށް ބޭނުންވެފައިވާކަން ކިތަންމެ ހާވެސް ބޮޑަށް އެނގެއެވެ. ކޮޓަރީގެ ދޮރުމަތީގައި ހުރެ އެދެމީހުން ގެންދިޔައީ ވަރަށް ލޯތްބާއި އެކު ބޮސްދީ ބައްދަމުންނެވެ. އެ މަންޒަރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެވަގުތު އެ ގޯތި މަގުން ހުރަސް ކޮށްލި ޔުއާދުގެ ދެލޮލުގައެވެ. ޔުއާދު ވަގުތުން ހުއްޓުނެވެ. ޔުއާދާ ދުރެވެގެން ޖައިޝް ބިނާ ކުރަން ފެށި އައު ޙަޔާތް އެއްވެސް ގޮތަކަށް ޔުއާދަށް ހަޖަމެއް ނުވެއެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ސަހުލާ ޖަހައިގަތީ ކަމުގައި ޔުއާދު ޤަބޫލު ކުރެއެވެ. ޔުއާދުގެ ލޯމަތިން ފެންނަމުންދާ މަންޒަރުން ޔުއާދު އިތުރަށް އައީ ރުޅިއެވެ. ވަރަށް ހިތްހަމަ ނުޖެހިގެން ޔުއާދު އޭނާގެ ދެއަތް މުށްކަވާލީ ބަދަލު ހިފުމުގެ ވަރުގަދަ ޕްލޭނެއް އޭނާގެ ސިކުނޑީގައި އަތުރާލަމުންނެވެ. ދުވަހަކުވެސް އުފަލެއް އެދެމީހުންނަށް ލިބުނަ ނުދޭން ޔުއާދު އޭނާގެ ހިތުން ވައުދުވަމުން އެތަނުން ދިޔައެވެ.

ފެށިގެން ދިޔަ އައު ދުވަހަކީ ޖައިޝް އާއި ސަހުލާގެ ޙަޔާތަށް އަނެއްކާ ވެސް މުހިންމު ދުވަހެކެވެ. ނިމުމެއް ނެތް ލޯބީގައި އަނެއްކާ ވެސް އައު ގޮށެއް ޖަހާލީއެވެ. ކައިވެނި ރުޖޫޢަކޮށް އުފާވެރި ޙަޔާތަކަށް އެދެމުންނެވެ. އެކަމަށް ދުޢާ ކުރަމުންނެވެ.

"އަހަރެން ބޭނުން ވަރަށް ރަނގަޅު ފިރިއަކަށް ވާން. ކުރިން އަހަރެންގެ ފުށުން ވީ ކަންތަކުން އަރައިގަނެވޭނެ ވަރަށް އަހަރެން ބޭނުން ސަހޫއަށް ލޯބި ދޭން. އަޅާލަން. އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު ޕްރައުޑްވާ ފަދަ ބައްޕައަކަށް ވާން.. އެއީ އަހަރެންގެ އުއްމީދު.. އަހަރެންގެ ޢަޒުމް.." ސަހުލާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރޭގައި އިނގިލިތައް ދުއްވަމުން ޖައިޝް ވާހަކަދައްކަމުން ދިޔައެވެ. ސަހުލާ ވަރަށް ލޯބިން ޖައިޝްގެ މޫނުގައި ފިރުމައިލިއެވެ.

"އަހަރެން ޖައިޝްއަށް މާފުކޮށްފިން.. އަހަރެން މިއަދު މިހުރީ ވަރަށް އުފަލުން.. ވަރަށް ހިތްހަމަ ޖެހިފަ.. ޖައިޝްއަށް ވިސްނުނީމަ.. އަހަރެން ވަރަށް ލޯބިވޭ.." ސަހުލާ މަޑުމަޑުން އޭނާގެ ބޯ ޖައްސައިލީ ޖައިޝްގެ މޫނުގައެވެ.

***

އެނދުގައި އޮށޯވެގެން އޮތް ރިޔާޒުގެ ސިކުނޑި ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އޭނާގެ ހިތާއި މޭގައި ލިޔެވެމުން ދިޔައީ އޭނާގެ ހިތް އެދި ގޮވަމުންދާ ނަމެވެ. ލޯބީގައި ނާކާމިޔާބު މާޒީއެއް އޮތް ކަމަކު، ރިޔާޒުގެ ހިތުގައި މިފަހަރު މި ނަގަނީ މުޅިން އެހެން އިޙްސާސެއްކަން އޭނާއަށް ޔަޤީންނެވެ. އަންހެނުން ދެކެ ފޫހިވާ، ރުޅި އަންނަ ރިޔާޒުގެ ވިސްނުން ބަދަލުކޮށްލީ އެ އަންހެން ކުއްޖާ އެވެ. އެއީ މިހާރު އަބަދުމެ ރިޔާޒުގެ ސިކުނޑީގައިވާ ވިސްނުމެވެ. އައްޑޫގައި މަޑު ކުރެވޭ މައިގަނޑު އެއް ސަބަބަކީ ވެސް އެއީއެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ސިއްރުން ރިޔާޒަށް ފާރަލެވެއެވެ. އަބަދުވެސް އެ ސޫރަ ދެކެން އޭނާ ބޭނުން ވެއެވެ. ގާތް ރަޙުމަތްތެރިޔާގެ ކޮއްކޮއަށް ވެފައި، އުމުރުގައި ހުރި ބޮޑު ތަފާތާ އެކު، ހިތުގައި ބިރުވެރިކަން އޮތަސް އެ ލޯތްބާ ދުރަށް ދާކަށް ރިޔާޒްގެ ވިސްނުމެއް ނެތެވެ. ކައިވެނި ޙަފުލާއިން އެ ކުއްޖާ ފެނުނު ފަހުން ރިޔާޒަށް އެ ނޫން ކަމަކާ ވިސްނޭ ކަމަކަށް ނުވެއެވެ. އަބަދުވެސް ވަނީ އެ ހަނދާންތަކެވެ. އެ ޚިޔާލުތަކެވެ. އެ މޫނުމަތިން ފެންނަ މާޔޫސް ކަމާއި، އެ ހިނިތުން ވުމުގައި ހުންނަ މައުސޫމް ކަމަކީ ރިޔާޒްގެ ހިތުގައި މިފަދަ ބޮޑު ތޫފާނެއް ކައްކުވާލި މައިގަނޑު ސަބަބުތަކެވެ.

"ސަހުލާ.. ސަހޫ." ރިޔާޒް ވައި އަޑަކުން އެ ކުއްޖާގެ ނަން ބުނެލިއެވެ. (ނުނިމޭ)