ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ދައުވަތަކަށް، ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިގްބާލް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ރަސްމީ މަސައްކަތްތަކެއް ކުރައްވާނެ އެވެ.
ޝަހީން އިގްބާލްގެ މިދަތުރުފުޅުގައި މިއަދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ވެސް ބައްދަލުކުރައްވާފަ އެވެ.
ޝަހީން މިއަދު ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ހާއްސަ އޮނަގާޑެއް ވެސް އަރުވާފަ އެވެ.
ބަންޑާރަކޮށްޓަށް މިއަދު ވަޑައިގެން ޝަހީން ވަނީ އެމްއެންޑީއެފްގެ ސީނިއާ ލީޑަޝިޕާ ބައްދަލުކުރައްވައި، ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
މި ބައްދަލުވުމުގައި ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ބަންގްލަދޭޝް އިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދިފާއީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެެވެ.
ބަންގްލަދޭޝް އަކީ ދިވެހިރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެކެވެ. އެގޮތުން 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި، ކޮވިޑްގެ ހާލަތުގައި ވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެ ގައުމުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ބަންގްލަދޭޝް ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ ރާއްޖެ އަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައިވެ އެވެ. އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިދިޔަ މަހުގެ ފަހު ހަފްތާ ތެެރޭގައި ވަނީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.