ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރުން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަަށެވެ. އޮޕަރޭޝަނަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިފައިވެއެވެ.
ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާދަމާ ރަސްމީކޮށް އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ހާއްސަ ރަސްމިއްޔާތެއް އޮންނާނެ އެވެ. އަދި މާދަމާ މަޖިލީހުގެ ތަޅުމުގައި އެކަމަނާ ތަގުރީރު ވެސް ކުރައްވާނެ އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޝައިހް ހަސީނާ މިއަދު ރާއްޖެ ވަޑައިގެންނެވި ނަމަވެސް މިއަދު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރައްވާނެ އެވެ.
އެކަމަނާގެ މި ދަތުރުފުޅުގައި އެއްގަމުގައި ދުއްވާ އަސްކަރީ 13 އުޅަނދު ރާއްޖޭއަށް ހަދިޔާކުރަން ނިންމަވާ ރަމްޒީ ލިޔުން ދިވެހި ސަރުކާރާ ހަވާލުކުރައްވާނެ އެވެ. އަދި ރާއްޖެއިން އެދިފައިވާ 200 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށްވެ އެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައި ބައެއް ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. މީގެތެރޭގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ބައެއް ކަހަލަ ޓެކްސްތަކަށް ލުއި ދިނުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.