ހަބަރު

ބޭރު ބޯޓެއްގައި ޑްރަގު އެތެރެކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

Oct 22, 2019
2

ބޭރު ބޯޓެއްގައި ރާއްޖެއަށް މަތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މީހުންގެ މައުލޫމާތު މިއަދު ފުލުހުން ހާމަކޮށްފި އެވެ.

ދިވެހި ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ވަނީ ހިފަހައްޓައިފަ އެވެ. ނަމަވެސް، އޭރު އަތުލައިގަތް މަސްތުވާތަކެތީގެ އަދަދެއް އަދި ބޯޓުގެ މައުލޫމާތެއްވެސް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.

ފުލުހުން ބުނީ ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ އިރާނުގެ "އަލްޝަބާން" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި، އޭގެން 70 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ، 35 އަހަރުގެ ސ. ހިތަދޫ ކޯޒީ ކޯނަރު އަލީ އަންވަރު މުހައްމަދުގެ އިތުރުން ފަސް ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ހައްޔަރުކުރި މީހުން

  • އަލީ އަންވަރު މުހައްމަދު، ސ. ހިތަދޫ ކޯޒީ ކޯނަރު (35 އަހަރު)
  • އަހުމަދު ޝަކީބް، މާތިލަ ކ. ދިއްފުށި (42 އަހަރު)
  • މުހައްމަދު ރިޝްފާން، ލ. ގަން ތުނޑި މިލާނޯ (23 އަހަރު)
  • އާދަމް މިސްބާހު، ކ. ދިއްފުށި އިރުމަތީގެ (39 އަހަރު)
  • މުހައްމަދު އިނާޝް، ލ. ގަން ތުނޑި އިޓްޖެހިގެ (22 އަހަރު)
  • އަލީ އަހުމަދު، ބަންގްލަދޭޝް (24 އަހަރު)
  • ތުހުން، ބަންގްލަދޭޝް (36 އަހަރު)

ހައްޔަރުކުރި މީހުންގެ ތެރެއިން ކުށުގެ ރެކޯޑް އޮތީ އެންމެ ދެ މީހުންގެ ކަމަށް ފުލުހުން އާންމުރި މައުލޫމާތުތަކުން އެނގެ އެވެ. އޭގެ އިތުރުން އިރާނުގެ ބޯޓުގައި ތިބި ފަޅުވެރިންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޯޓުގައި ތިބި ފަޅުވެރިންގެ މައުލޫމާތު ވެސް ފުލުހުން މިއަދު ހާމަކޮށްފައިވާއިރު، އެ ހަ މީހުންނަކީވެސް އިރާނު މީހުންނެވެ.

ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާ ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ އެއްވަނަ ދުވަހު އެވެ.

ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ބޭރުގެ ބޯޓާއި، ރާއްޖޭގެ އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްވެސް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

އެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 59.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިދިޔަ މެއި މަހު ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރަގާއެކު އިރާނުގެ ބޯޓެއް އަތުލައިގެންފައިވާއިރު، 2014 ވަނަ އަހަރުވެސް ކަނޑުމަގުން ރާއްޖެ ސަރަހައްދަށް އެރުވި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނުނީ އިރާނުގެ ބޯޓެކެވެ.