ހަބަރު

އޮޔާދިޔަ އީރާނު ބޯޓުން މަސްތުވާތަކެތި ފެނިއްޖެ

އދ. މަންދޫ ކައިރިން ހަތް މީހުންނާއެކު އޮޔާ ދިޔަ އީރާނުގެ ބޯޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހި ތަކެއް ފެނިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއެކު ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ހިފަހައްޓާފައިވާ ކަމަށެވެ. އަދި މިއީ އޮޔާ ދަނިކޮށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިން ބޯޓުކަން އެމްއެންޑީއެފުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި މަސްބޯޓު ހިފަހައްޓާފައިވަނީ ގޮތްނޭނގޭ އުޅަނދެއް ރާޢްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދު ހެނދުނު 11:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޯޓު ހިފަހައްޓައި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހި ފެނިފައިވާ ކަމަށާއި ފުލުހުންނާއި ގުޅިގެން އިތުރަށް އެ ބޯޓު ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ބޯޓުން މަސްތުވާތަކެތި ފެނިފައިވާއިރު މިއަދު ހެނދުނު 8:30 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ބޯޓަށް ފުލުހުން ވަނީ އެހީތެރިކަންވެސް ފޯރު ކޮށްދީފަ އެވެ. ނަމަވެސް މި ކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެއްޗާއެކު އީރާނުގެ މަސްބޯޓެއް މިއަދު ހިފަހައްޓާފައިވާއިރު މިދިޔަ މަސްތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އީރާނުގެ ބޯޓެއް ވަނީ ހިފަހައްޓާފަ އެވެ. އަދި މި ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު މި މައްސަލަ އާއި ގުޅިގެން ޖުމްލަ 13 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. މީގެ ތެރޭގައި ހަ ދިވެހިންނާއި ހަތް އީރާނު ރައްޔިތަކު ހިމެނެ އެވެ. މި މައްސަލަ މިހާޜު ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.