ހއ. އަތޮޅު

ހާއަލިފަށް ޑުރަގް ލައްގާތީ ސިފައިން ނެރެފި

އެންމެ އުތުރުގެ ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގަމުންދާތީ ފުލުހުންނާއި ސިފައިން ގުޅިގެން ސާޗް އޮޕަރޭޝަނެއް ފަށައިފި އެވެ.

މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ޕެކެޓްތަކެއް ހއ. ކެލާ އާއި ފިއްލަދޫ އާއި ވަށަފަރު އަދި ދިއްދޫގެ ގޮނޑުދޮށަށް ވަނީ ލައްގާފަ އެވެ. އަދި އެ އަތޮޅު ފިއްލަދޫއަށް ވަރަށް ގިނަ އަދަދެއްގެ ޕެކެޓް ލައްގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ އެމްއެންޑީއެފް އާއި ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަަށެވެ. އަދި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އެ އަތޮޅަށް ފޮނުވަން ދަނީ ތައްޔާރުވަމުންނެވެ. އެއީ މައްސަލަ ތަހުގީގު ކުރަން ފޮނުވާ ހާއްސަ ޓީމެކެވެ.

ރަށްތަކަށް މަސްތުވާތަކެތި ލައްގާ ސަބަބާ ގުޅިގެން ފުލުހުން ރަސްމީކޮށް ވަކި އެއްޗެއް އަދި ނުބުނެއެވެ.