ހަބަރު

5 ކިލޯ ޑްރަގު މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ގެންދަން އުޅެނިކޮށް އަތުލައިގަތް 5.5 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކޮށްފައި ވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި، އިންޓެލިޖެންސް އަދި އައްޑޫގައި މަސައްކަތްކުރާ ސިފައިންނާ ވެސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހައްޔަރު ކޮށްފައި ވަނީ މީހުންގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކޮށްފައި ވަނީ ގދ. ތިނަދޫން އައްޑޫއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހަވީރު ހިންގި އޮޕަރޭޝަނެއްގައި އައްޑު އަތޮޅު ހިތަދޫ ކަނޑިހެރާގެ އުތުރުފަރާތު ބޭރު ކަނޑުމަތިން ކަމަށެވެ.

އެމީހުން ދަތުރުކުރި ލޯންޗު ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ލޯންޗު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނަކީ 5.5 ކިލޯ ހުއްޓެވެ.