ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ބަންގްލަދޭޝްގެ އާމީ ޗީފް އޮފް ސްޓާފްގެ ދައުވަތަކަށް މިހާރު ބަންގްލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބަންގްލަދޭޝްގެ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް އަޒީޒް އަހްމަދުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް ބަންގްލަދޭޝް އާމީ ހެޑްކްއޯޓަޒްއަށް ވަޑައިގެންނެވުމުން ޗީފްގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނާ ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބަންގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި އެންމެހާ ދިވެހި ސިފައިންގެ ނަމުގައި އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުންތަކާއި އަދި ދިވެހިންނަށް ބޮޑެތި ދަތިތައް ދިމާވާ ކޮންމެ ފަހަރަކު އެ ގައުމުގެ އަސްކަރިއްޔާއިން ވެދޭ ފުރިހަމަ އެހީތެރިކަމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް ބަންގްލަދޭޝް އަސްކަރިއްޔާއަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަރާތުން ކުރާ މަސައްކަތް އިތުރު ތަމްރީނު ފުރުސަތުތަކާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ފުޅާދާއިރާއެއްގައި ވަނީ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަމަދުގެ ވާހަކަފުޅުގައި، އެ ގައުމަކީ ދިވެހިރާއްޖެއާ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރައްވައި، ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމްއެންޑީއެފަށް ބޭނުންވާ އަސްކަރީ އަދި ފަންނީ އެހީތެރިކަން ދެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.