ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރަގެ ދެ ދަރިން ކަމަށްވާ ތުޝާރު ކަޕޫރާއި އެކްތާ ކަޕޫރު ދުވަހަކު ވެސް ކައިވެންޏެއް ނުކުރެ އެވެ. މި ދެ ބެންނަކީ ފިލްމާއި ޓެލެވިޒަން އިންޑަސްޓްރީގައި މަސައްކަތްކުރާ ބަޔަކަށް ވާއިރު އެމީހުން ކައިވެނި ނުކޮށް ސަރަގޭޓް މަންމައިންގެ ފަރާތުން ދަރިން ހޯދުމުން ގިނަ ބަޔެއްގެ މަލާމާތް އެމީހުންނަށް ދަނީ ރައްދުވަމުންނެވެ. އަދި އެ މީހުން ދުވަހަކު ވެސް ދެން ކައިވެންޏެއް ނުކުރާނެކަމަށް ބުނެ ފާޑު ކިޔާ މީހުން ވެސް މަދެއް ނޫނެވެ.
ފާޑު ކިޔާ މީހުންނަށް ޖަވާބު ދެމުން ތުޝާރު ބުނި ގޮތުގައި ހަޔާތުގެ ބައިވެރިޔަކާ ނުލައި ވެސް އޭނާގެ ދިރިއުޅުން ފުރިހަމަ އެވެ. ސަރަގޭޓް މަންމައެއްގެ ފަރާތުން 2016 ގައި ދަރިއަކު ހޯދައި ބައްޕައަކަށް ވުމަށްފަހު ކުރެވުނު ތަޖުރިބާތައް ލިޔެފައިވާ ފޮތެއް މިހާރު ތުޝާރު ވަނީ ލިޔެފަ އެވެ. އެ ފޮތުގެ ނަމަކީ "ބެޗްލާ ޑޭޑް: މައި ޖާނީ ޓު ފާދާހުޑް އެންޑް މޯ" އެވެ.
އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ތުޝާރު ބުނީ ހަޔާތުގެ ބައިވެރިޔަކު ހޯދާކަށް އޭނާ މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް ރަނގަޅު މީހަކު ލިބިއްޖިއްޔާ ކައިވެނި ކުރަން ވެސް އޭނާ ތައްޔާރެވެ. ނަމަވެސް އޭގެ މާނައަކީ އޭނާގެ ދިރިއުޅުމުގައި އެއްވެސް އުނިކަމެއް ހުރުމެއް ނޫނެވެ.
ތުޝާރުގެ ދައްތަ އެކްތާ ވެސް ވަނީ ސަރަގޭޓް މަންމައެއްގެ ފަރާތުން ދަރިއަކު ހޯދައި މަންމައަކަށް ވެފަ އެވެ. އޭނާގެ ދަރިފުޅުގެ ނަމަކީ ރަވީ އެވެ. މިއީ ޖީތެންދުރަގެ އަސްލު ނަމެވެ.
ޖީތެންދުރަގެ ދެ ދަރިން ވެސް ދަރިން ހޯދީ އެމީހުންގެ މައިންބަފައިންނަށް މާމަ / ކާފަ ދަރިން ނެތުމުން އެ ލިބޭ ހިތްދަތިކަމުން ސަލާމަތް ކޮށްދިނުމަށްކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ.