ހަބަރު

ކުއްލިއަކަށް ހެޑް ކުއާޓަރަށް ވަޑައިގެން ރައީސް ސީޕީއާ ބައްދަލު ކުރައްވައިފި

Jan 19, 2015
1

ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ މައި އިދާރާ ހުސެން އާދަމް ބިލްޑިންގަށް ވަޑައިގެން ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

"އަވަސް"އަށް ކަަށަވަރުވެފައިވާ ގޮތުގައި އެ ބައްދަލުވުން އޮތީ މިއަދު ހެނދުނުގެ ވަގުތުގެއްގަ އެވެ. އަދި ރައީސް އެ ބައްދަލުވުމަށް ވަޑައިގަތީ ކުރިން އެންގެވުމަކާ ނުލާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. މިއީ ރައީސް އެހާ ކުއްލި ގޮތަކަށް ފުލުހުންގެ ހެޑް ކުއާޓަރަށް ވަޑައިގެން ސީޕީއާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ސީޕީއާ ކުއްލި ގޮތަކަށް ބައްދަލު ކުރެއްވި އިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ދަންވަރުގެ ވަގުތުގައި ވަދެ އެތަން ފާސްކޮށްފަ އެވެ. އެ ގެ ފާސްކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އަޑުފެތުރުފައިވާ ގޮތުގައި އެ ގެ ފާސްކުރީ ޓެރަރިޒަމާއި ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅޭ ކަމުގެ ތުހުމަތުގަ އެވެ.